ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ސާފުކުރަން ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުން މަޖިލީހުގައި މި ގަރާރު ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ. ޔުޓިލިޓީ ކުންފުނިތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ކަނޑައަޅާފައި ހުރި އަގުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ހާމަވާ ކަމަށް އެ ގަރާރުގައިވެ އެވެ. މީގެ ސަބަބުން އެ ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ އާއި އަތޮޅު ތެރޭގައި ހުރި ފަރުގުތައް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން:
ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު ކަނޑައެޅުމުގައި މި މިންވަރުގެ ތަފާތުކުރުންތައް ގެންގުޅުމުގެ ނަތީޖާއަކީ، އާންމު ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް ގެސްޓްހައުސް ފަދަ ވިޔަފާރިތަކަށް ކަރަންޓަށް ކުރަން ޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދަކުން އިތުރުވުމާއި، ފެނުގެ ޚިދުމަތަށް މާލެ އާ ބަލާއިރު އަތޮޅުތަކުގައި 35 ޕަސެންޓު އިތުރުވުން ކަމަށް ގަރާރުގައި ވެއެވެ.
މި ތަފާތުކުރުމުގެ ސަބަބުން ރަށްރަށުގައި ހިންގަމުންދާ ވިޔަފާރިތަކަށް އެކަށީގެންނުވާ މިންވަރެއްގެ މާލީ ބުރަ އުފުލަން ޖެހިފައިވާ ކަމަށާއި މިކަން މިގޮތަށް ކުރިއަށްދާ ނަމަ ކުދި ފަންތީގެ ވިޔަފާރިތަކާ މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށާއި މިހާރު ވެސް އިންތިހާއަށް ބަލިކަށިވެފައިވާ ރަށްފުށުގެ އިގުތިސާދުގެ ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ޝަމްހީދުގެ ގަރާރުގައި ބުނެފައިވެއެވެ.