ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާއި ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމާފައި ވަނިކޮށް ޑޮލަރުން މުސާރަ ދޭން ޓީއެމްއޭއިން ނިންމައިފި އެވެ.
ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފައިވަނީ މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހުޅުމާލޭ ވޯޓަރސް އެޖް ރޫފްޓޮޕްގަ މިމަހު 29 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް މި ބަދަލު ގެނެސްފައިވަނީ މި އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން އެ ތަނަށް ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭތީ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޓިއެމްއޭއިން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ނިންމާފައިވާކަން ހާމަކުރީ އެކުންފުނީގެ ސީއީއޯ އުސާމާ ފައުޒީ މުވައްޒަފުންނަށް ކުރި މެސެޖެއްގައެވެ. އެ މެސެޖުގައި ބުނީ، ކުރިން އެ ކުންފުނިން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ކުރިން ގެނައި ބަދަލަކީ މުސާރައިގެ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިން ދޭ ގޮތަށް ގެނައި ބަދަލެކެވެ.
މީގެ އިތުރުން ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާއި ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމާފައިވާކަމަށް ބުނެފައިވާތީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓީއެމްއޭގެ މުވައްޒަފުންގެ އެ ނިންމުމާއި ގުޅިގެން ފަތުރުވެރިންގެ ދަތުރުތަކަށް އަސަރުކުރާނެ ކަމަށް ބުނެ މަޓާޓޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖުލައި 20 ވަނަ ދުވަހު މަޓާޓޯ އިން ނެރެފައި ވާ ބަޔާނުގައި އިތުރަށް ބުނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އުފުލަމުން ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައި ކަމަށެވެ. އެހެންކަމަށް ވުމާއި އެކު ޕައިލެޓުން ދަތުރުކުރުން ހުއްޓާލާ އިހުތިޖާޖަށް ގޮސްފި ނަމަ އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމް ދާއިރާއަށް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ކަމާއި ގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށްގެން މިކަމަށް ހައްލެއް ހޯދައިދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
މިފަދަ ކަމެއް ހިނގައިފި ނަމަ އެކަމުގެ ސަބަބުން ފަތުރުވެެރިިން ރާއްޖެ އައިސް ކުރާ ތަޖުރިބާއަށް ވެސް އަސަރު ކުރާނެ ކަމަށް މަޓާޓޯ އިން ވަނީ ފާހަގަކޮށްފައވެެ. މީގެ އިތުރުން މި މައްސަލަ އަކީ ހަމައެކަނި ޓީއެމްއޭގެ އެތެރޭގެ މައްސަލައެއް ނޫން ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.
ފަތުރުވެރިން ކުރާ ދަތުރުތަކަށް އަސަރު ކުރުމަކީ ރާއްޖޭގެ މުޅި ޓޫރިޒަމްގެ އަގު ވެއްޓިދާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިފަދަ އިހުތިޖާޖެއް ކުރުމަކީ، ފަތުރުވެރިންގެ ފްލައިޓުތައް މަޑުޖެހި، ރިސޯޓުތަކަށާއި އެ އެއާލައިންތަކަށް ވެސް އޭގެ ގެއްލުން ކުރާނެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ ރީތި ނަމަށް ލިބޭ ހުތުރު ނަމެއް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މިއީ އެ ދާއިރާއަށް ބައިނަލްއަގުވާމީ ދުނިޔޭގައި ލިބިފައިވާ ރީތި ނަން ކިލަނބުވާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
Press Release: MATATO Raises Serious Concerns Over Potential TMA Pilots’ Strike and Its Implications for Maldives Tourism pic.twitter.com/NC9tWLCt8x
— MATATO - PATA Maldives Chapter (@matatoMV) July 20, 2025
ފަސްދޮޅުހަށް ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގައި 1500 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވެއެވެ. އެއީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރާ ސީޕްލޭން ފްލީޓެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ އަކީ ޓީއެމްއޭ އަށްވެފައި ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓްތަކުން ޓޫރިސްޓުން އުފުލުމަށް ބޭނުން ކުރަނީ ވެސް ސީޕްލޭން އެވެ.