ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގައި ކުލަބު އެޗްޑީސީ ކުޅުނު ތިން ވަނަ މެޗުގައި ޒައިކް ވޮލީބޯލް ކުލަބު އަތުން ބަލިވިއިރު، ދިވެހި ސިފައިންގެ ކުލަބުގެ ތިން ވަނަ މެޗުގައި ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ އަތުން ވެސް ބަލިވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޒައިކް ވޮލީބޯލް ކުލަބުން ވަނީ ސީދާ ތިން ސެޓުން އެޗްޑީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ޒައިކް ވޮލީބޯލް ކުލަބުން ކާމިޔާބު ކުރީ، 25-11، 25-22 އަދި 25-13 އިންނެވެ.
މުބާރާތުގަައި އެޗްޑީސީ އިން ކުރިން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ބަޝިކް އަތުން ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ވަނީ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން ވެސް ބަލިވެފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ލަންކާ ޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ސިފައިންގެ ކުލަބު ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓު ލަންކާ ޕޯޓްސް އިން ކާމިޔާބު ކުރީ 25-20 އިންނެވެ. ދެ ވަނަ ސެޓުގައި ސިފައިންގެ ކުލަބުން ރަނގަޅު ވާދައެއް ކުރި ނަމަވެސް، ލަންކާ ޕޯޓްސް އިން ވަނީ 25-23 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ.
ނަމަވެސް ތިން ވަނަ ސެޓުގައި ސިފައިންގެ ކުލަބުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ސެޓު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ސެޓު ކާމިޔާބު ކުރީ 20-25 އިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު ހަތަރު ވަނަ ސެޓު ލަންކާ ޕޯޓްސް އިން ކާމިޔާބު ކުރީ 25-23 އިންނެވެ.
މުބާރާތުގައި ސިފައިންގެ ކުލަބުގެ ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް އަތުން ބަލިވީއިރު، ދެ ވަނަ މެޗުގައި ވަނީ ޒައިކް ވޮލީބޯލް ކުލަބު އަތުން ބަލިވެފަ އެވެ.
މުބާރާތައި ސިފައިންގެ ހަތަރު ވަަނަ މެޗުގައި އެ ޓީމު ނިކުންނާނީ ބަޝިކްއާ ދެކޮޅަށެވެ. އަދި އެޗްޑީސީގެ ހަތަރު ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ލަންކާ ޕޯޓްސްއާ ދެކޮޅަށެވެ.