ފ.މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ ފަޔަރ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދިން ސަބަބު އަދި ނޭނގޭ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
އެތަނަށް ބަޔަކު ގެއްލުންދީ، އެތަނުގައި ހުޅުޖަން މަސައްކަތްކުރި ކަން ފުލުހުން ވެސް ވަނީ ހާމަކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނީ، އެއާޕޯޓުގެ ފަޔާ ބިލްޑިންގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލާފައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުން އެ އިމާރާތަށް ގެއްލުންދިނުމުގެ އިތުރުން އެތަނުގައި ރޯކުރަން މަސައްކަތް ކުރިކަން ވަނީ އެނގިފައެވެ. އެކަމާއި ގުޅޭ ގޮތުން މުބީން ވިދާޅުވީ އެ މައުލޫމާތު ލިބުނީ އެތަނުގައި ހުރި ސުޕަރވައިޒަރެއް މެދުވެރިކޮށް ކަމަށެވެ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ނުދަނީތޯ ސުވާލުކުރުމުން މުބީން ވިދާޅުވީ އެތަނުގެ މަސައްކަތްތަކާއި ގުޅޭ ހުރިހާ ކަމެއް ބަލަނީ އެމްޓީސީސީން ކަމަށެވެ. އެއާޕޯޓްސް ކުންފުނިން ބަލަނީ ތަން ހުޅުވާ އިރު ހުންނަން ޖެހޭ ސްޓޭންޑާޑަށް މަސައްކަތް ނިމޭކަން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާއި މެދު މިހާތަނަށް އެމްޓީސީސީ އާއި މަޝްވަރާ ވެސް ކޮށްފައި ނުވާނެ ކަމަށް މުބީން ވިދާޅުވިއެވެ. އަދި އެތަނަށް ގެއްލުން ދިން ސަބަބާއި ލިބުނު ގެއްލުންތަކުގެ ތަފްސީލް ވެސް އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށް މުބީން ވިދާޅުވިއެވެ.
" އަޅުގަނޑުމެން އެކަހަލަ ކަންކަމާއި އިންވޯލްވް ނުވަން. ޕޮލިހަށް ބޮޑަށް އެނގޭނީ. އަޅުގަނޑުމެން ބަލަނީ ސްޓޭންޑާޓަށް ފެތޭތޯ ތަން ނިމޭ އިރު. " މުބީން ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީ އަށް ރާއްޖެއެމްވީން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެއާޕޯޓަށް ގެއްލުންދިން އިރު އެ ތަނުގައި އެމްޓީސީސީގެ މެޝިނަރީތައް ވެސް ހުއްޓެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރޯ 2022 ވަނަ އަހަރެވެ.