ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 22:41
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން
ރޮއިޓަރސް
ސީރިއާގެ ހަމަނުޖެހުން
ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ރޫބިއޯ އާއި ފިދާން މަޝްވަރާ ކުރައްވައިފި
ތުރުކީގެ ފޮރިން މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސީރިއާގެ މައްސަލައިގައި އެމެރިކާ އިން އަމަލު ކުރަމުންދާ އިޖާބީ ދައުރަށް ތުރުކީ އިން ތާއީދު ކުރޭ.

ސީރިއާގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން މަޝްވަރާ ކުރައްވައިފި އެވެ.

މި ދެ ބޭފުޅުން ވަނީ ހޮނިހިރު ދުވަހު ސީރިއާގެ ހަނގުރާމަ އާއި، އެ ޤައުމުގެ ޙާލަތާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. 

އެ ބައްދަލުވުމުގައި ތުރުކީގެ ފޮރިން މިނިސްޓަރު ފިދާން ވަނީ ސީރިއާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ތުރުކީގެ ފޮރިން މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސީރިއާގެ މައްސަލައިގައި އެމެރިކާ އިން އަމަލު ކުރަމުންދާ އިޖާބީ ދައުރަށް ތުރުކީ އިން ތާއީދު ކުރެ އެވެ. 

މީގެ އިތުރުން ސީރިއާގެ ހަނގުރާމަ ދާއިމީ ގޮތެއްގައި ނިންމުމަށް އެމެރިކާއާ އެކު މަސައްކަތް ކުރުމަށް ތުރުކީ އިން އޮތީ ތައްޔާރަށް ކަމަށް ވެސް، އެ ބައްދަލުމުގައި ފިދާން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގައި ތުރުކީ އިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ. 

ތުރުކީގައި ހުންނަ އެމެރިކާގެ އެމްބެސެޑަރު ޓޮމް ބަރަކް ހުކުރު ދުވަހު ވިދާޅުވީ، ޑްރޫޒް މީހުން ގިނައިން ދިރިއެޅެމުން އަންނަ ސަރަހައްދުގައި ހިނގި އަނިޔާވެރި ހަމަނުޖެހުންތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިސްރާއީލް އާއި ސީރިއާ އިން ވެސް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލެވުނު އެ އެއްބަސްވުމަކީ ސަރަހައްދުގެ ހަމަޖެހުމަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭއިރު، ދެ ޤައުމުގެ މެދުގައި ދެމެހެއްޓެނިވި ސުލްޙަވެރި ކަމެއް ޤާއިމު ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް ބެލެވެ އެވެ. 

- ކޮމެންޓް