ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް، (އެފް.ޑީ.ސީ)ން ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.
ހޮނިހިރު ދުވަހު މިނިސްޓްރީން ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުުރުމުގެ އުސޫލު އަދި މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފް.ޑީ.ސީއާ ހިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ފްލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދާނީ އެފް.ޑީ.ސީން ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެކަން އެންގޭނެ ކަމަށެވެ.
މިގޮތަށް ޕޯޓަލް އިން ނާންގާ ފަރާތްތަކަށް މިނިސްޓްރީން ނުވަތަ އެފް.ޑީ.ސީއިން ނުގުޅާނެ ކަމާއި، އަދި އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި 26 ގައި ފްލެޓުތައް ދޫކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ސްކީމާ ގުޅޭގޮތުން މިސަރުކާރުގެ ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4000 ހައުސިން ޔުނިޓްތަކަކީ ރައްޔިތުން ހިތްހަމަޖެހޭނެ، އެ ރައްޔިތުންނަށް ލިބޭ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ކަމަށެވެ.
މި 4000 ހައުސިން ޔުނިޓްތަކަކީ ކުރީ ސަރުކާރުގައި އިމާރާތްކޮށް، ސްޓަރަކްޗަރގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ މަޝްރޫއެކެވެ. އަދި ފްލެޓު ލިބޭނެ މީހުންގެ ލިސްޓްވެސް ފައިނަލް ކޮށްފައިވެއެވެ. ނަމަވެސް މިސަރުކާރުން ފުރަތަމަ ވަނީ އެލިސްޓަށް ފްލެޓުތައް ދޫކުރުމަށް ދެކޮޅު ހަދައި، މައްސަލަތަކެއް ބަލާކަން ހާމަކޮށްފައިވެއެވެ. މިސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު ވެސް މި މައްސަލަ ނިންމިފައިނުވާތީ، އަދި ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށްނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ކުރީ ސަރުކާރުގެ ފްލެޓު ލިސްޓަށް ފްލެޓުތައް ދޫކުރަން ނިންމައި އެކަން 29 މެއި 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރިއެވެ.