Advertisement
ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 22:57
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
އެމްޑީޕީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވީއައިއޭ ޓަރމިނަލް ބޮޑުކުރުމުގެ ވިސްނުން ގެނައީ 2008ގައި އުފެދުނު އެމްޑީޕީ ސަރުކާރުން، އެ ކްރެޑިޓް ލިބޭނީ އެމްޑީޕީ އަށް: އަމީރު
މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު އެ މަސައްކަތްތައް ބަޔަކާއި ހަވާލު ނުކޮށް ހުރި ކަމަށް ބުނެ ސަރުކާރުން ހަދަމުންދަނީ ދޮގު ކަމަށް އަމީރު ވިދާޅުވި
ގިނަ މަސައްކަތްތައް ކޮންޓްރެކްޓް ކުރީ ނިމިދިޔަ ސަރުކާރުން ކަން އޭރު ޝާއިއުކޮށްފައިވާ ރިޕޯޓްތަކުން ފެންނަން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ ޓަރމިނަލް ބޮޑުކުރުމުގެ ވިސްނުން ގެނައީ 2008ގައި އެއުފެދުނު އެމްޑީޕީ ސަރުކާރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ބުރާސްފަތި ދުވަހުގެ ރޭގައެވެ.

މިހާރު ފެންނަ ގޮތަށް ދިވެހިންގެ ސަގާފަތާއި ގުޅޭ ފަދަ ޓަރމިނަލް އެއް ގެނެސްދީފައި ވަނީ މި ދިޔަ ސަރުކާރުން ކަމަށް އަމީރު ވިދާޅުވިއެވެ. ޕީއެންއެފް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ މި ވިސްނުންފުޅަކީ ރައީސް ޔާމީންގެ ވިސްނުންފުޅެއް ކަމަށް ބުނެ އެއާޕޯޓު އާ ޓަރމިނަލްގެ ފުރިހަމަ ކްރެޑިޓް އެމަނިކުފާނަށް ދެމުންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ޕީއެންއެފްގެ ފެންޑާގައި އެ މަޝްރޫޢޫ އާއި މެދު ވާހަކަ ދެކެވެނީ ރަނގަޅަށް ނޫން ކަމަށެވެ.

"އެއާޕޯޓު ބޮޑު ކުރަންޖެހޭ ކަމާއި ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދަން ޖެހޭކަން ވިސްނުނީ އެމްޑީޕީ އަށް. އެ ސަރުކާރުން އޭރު އެ ޓަރމިނަލްގެ މަސައްކަތް އޭރު ހަވާލު ކުރި ކޮންޓްރެކްޓަރަކާއި. އޭރު އެ ކޮންޓްރެކްޓް ތަރައްޤީވި ނަމަ ފެންނާނެ އެކަން. އެހެންވީމަ ތިމަންނަމެންނޭ އެ ވިސްނުން ގެނައީ. އެއީ ސީދާ ކަނޑައެޅިގެން ބުހުތާން ދޮގެއް." އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވީއައިއޭގެ އާ ޓަރމިނަލްގެ މަސައްކަތުގައި ސޮއިކުރަން ޖެހުނީ ކުރިން އެމްޑީޕީ ސަރުކާރުން ވެފައިވާ އެއްބަސްވުން ނެތުމުން ކަމަށެވެ. އެހެންކަމުން އެއީ އަލަށް އައި ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އާ ބަޔަކާއި ހަވާލުކޮށްގެން ވެސް އޭރުގެ ސަރުކާރަށް 2 އަހަރުވި އިރު ވެސް މަސައްކަތެއް ނުކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

މިހާރު ފެންނަ ޓަރމިނަލް ކުރިއަށް ދަނީ ނިމިދިޔަ ސަރުކާރުން އެއާޕޯޓް ޓަރމިނަލް ނިންމުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަކީ މި ސަރުކާރުން ބޮޑު ބައި ނިންމި މަޝްރޫޢު އެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އަމީރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރު ނިމުނު އިރު ގާތްގަނޑަކަށް 71% މަސައްކަތް ވާނީ ނިމިފައެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު އެ މަސައްކަތްތައް ބަޔަކާއި ހަވާލު ނުކޮށް ހުރި ކަމަށް ބުނެ ސަރުކާރުން ހަދަމުންދަނީ ދޮގު ކަމަށް އަމީރު ވިދާޅުވިއެވެ. ގިނަ މަސައްކަތްތައް ކޮންޓްރެކްޓް ކުރީ ނިމިދިޔަ ސަރުކާރުން ކަން އޭރު ޝާއިއުކޮށްފައިވާ ރިޕޯޓްތަކުން ފެންނަން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް