ސޫރިއާގެ ބަދަވީ ހަނގުރާމަވެރިން ދުރޫޒް ހަނގުރާމަވެރިންނާ ދެކޮޅަށް ސުވައިދާ ސަރަހައްދު ގައި އައު ހަމަލާއެއް ފަށައިފި ކަމަށް ރިޕޯޓު ކޮށްފިއެވެ.
ހަމާތައް ފެށީ ބުރާސްފަތި ވިލޭރޭ އިޢުލާނު ކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުގައެވެ.
ބަދަވީ ސިފައިންގެ ކޮމާންޑަރެއް ރޮއިޓަރސް ނިއުސް އޭޖެންސީ އަށް ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިނގާނީ ހަމައެކަނި ސަރުކާރުގެ ބާރުތަކަށް ނިސްބަތްވާ ފަރާތްތަކަށް ކަމަށާއި އެމީހުން އޭގައި ނުހިމެނޭ ކަމަށެވެ.
ކޮމާންޑަރު ބުނެފައި ވަނީ ހަނގުރާމަވެރިން މަސައްކަތް ކުރަމުން ދަނީ ފާއިތުވި ދުވަސްތަކުގައި ދުރޫޒް ހަތިޔާރުއެޅި ގްރޫޕުތަކުން ހައްޔަރު ކޮށްފައިވާ ބަދަވީންގެ މީހުން މިނިވަން ކުރުމަށް ކަމަށެވެ.
ސޫރިއާގެ ވެރިޔާ އަހްމަދު އަލް-ޝަރާ ބުރާސްފަތި ދުވަހު އިސްރާއީލަށް ތުހުމަތު ކުރެއްވީ ސޫރިއާ ބައިބައި ކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ސަރުކާރުގެ ބާރުތަކާއި ދުރޫޒް ހަނގުރާމަވެރިންނާ ދެމެދު އެމެރިކާގެ އެހީތެރި ކަމާއެކު ހާސިލު ކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، އެ ޤައުމުގެ ދުރޫޒް މައިނޯރިޓީ ރައްކާތެރި ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތެވެ.
ބުރާސްފަތި ވިލޭރޭ ސޫރިއާ ސަރުކާރުގެ ގިނަ އަދަދެއްގެ ސިފައިން ދުރޫޒުން ދިރިއުޅޭ ސުވައިދާ ސިޓީން އަނބުރާ ގެންދެވުނެވެ. މި ސިޓީގައި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ދުރޫޒް ހަނގުރާމަވެރިންނާއި ސަރުކާރުގެ ސިފައިންނާއި ބަދަވީ ޤަބީލާތަކާ ދެމެދު ހިނގި ހަނގުރާމައިގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވެއެވެ.
ސަރަޙައްދުގެ ނޫސްވެރިއެއް ބުނެފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު ސުވައިދާގެ މަގުތަކުން 60 އަށް ވުރެ ގިނަ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ސުވައިދާ24 މީޑިއާ ގެ ނޫސްވެރިޔަކު ރޮއިޓަރސް އަށް ބުނެފައި ވަނީ އެއް ގެއަކުން 12 މީހަކު މަރުވެފައިވާ ތަން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި އަންހެނުންނާއި ދުވަސްވީ މީހަކު ހިމެނެއެވެ.
ސޫރިއާ ގައި އަނިޔާވެރިކަން ބޮޑުތަނުން އިތުރު ވެގެން ދިޔައީ ބުދަ ދުވަހުއެވެ. އެދުވަހު އިސްރާއީލުން ދިމިޝްޤަށް ވައިގެ ހަމަލާތައް ދިނެވެ. އަދި އެއާ އެކު ދެކުނުގައި ސަރުކާރުގެ ބާރުތަކަށް ވެސް ހަމަލާދީ، ސަރުކާރު ސިފައިން އަނބުރާ ގެންދިއުމަށް އިންޒާރު ދިނެވެ. އިސްރާއީލުން ބުނީ އެމީހުންގެ މަޤްޞަދަކީ ސޫރިއާގެ ދުރޫޒުން ރައްކާތެރި ކުރުން ކަމަށެވެ. ދުރޫޒުންނަކީ އާބާދީ މަދު ނަމަވެސް ނުފޫޒު ގަދަ މައިނޯރިޓީއެކެވެ. މި މައިނޯރިޓީގެ މީހުން ލުބުނާނުގަ އާއި އިސްރާއީލު ގައި ވެސް ދިރިއުޅެއެވެ.
އިސްރާއީލުން ވަނީ ވައްޓާލެވުނު ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމުގައި ވެސް ސޫރިއާ އަށް ގިނަ ފަހަރު މަތިން ހަމަލާ ދީފައެވެ. އަދި މިއަހަރު ވެސް ތަކުރާރުކޮށް ހަމަލާދީފައިވެއެވެ. އިސްރާއީލުން ބުނަނީ އެމީހުންގެ ބޯޑަރާ ކައިރި ސޫރިއާގެ ދެކުނުގެ ސަރަޙައްދުތަކުގައި އައު ސަރުކާރުން އަސްކަރީ ބާރުތައް ގާއިމު ކުރުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ސޫރިއާގެ ރައްޔިތުންނާ މުޚާޠަބު ކުރައްވަމުން ރައީސް އަލް-ޝަރާ އިސްރާއީލަށް ތުހުމަތު ކުރެއްވީ "ސޫރިއާ ގެ ރައްޔިތުންގެ އެއްބައިވަންތަކަން ނައްތާލަން" މަސައްކަތްކުރާ ކަމަށެވެ. އަދި ވިދާޅުވީ "ކުރީގެ ސަރުކާރު ވެއްޓުނީއް ސުރެ އިސްރާއީލުން ވަނީ ސޫރިއާ ގެ ހަމަޖެހުމަށް އަމާޒުކޮށް، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކޮށްފައި" ކަމަށެވެ.
އަލް-ޝަރާ އަކީ 2016 ގައި އަލް-ޤާއިދާއާ ގުޅުން ކަނޑާލުމުގެ ކުރިން އެ ޖަމާޢަތުގެ ފެކްޝަނެއްގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ ދުރޫޒް ރައްޔިތުންނާއި އެމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ "އިސްކަންދޭ ކަމެއް" ކަމަށެވެ. އަދި އެމީހުން "ބޭރުގެ ފަރާތެއްގެ" ބާރުގެ ދަށަށް ގެންދިއުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށް ވިދާޅުވިއެވެ.
އަދި "ދުރޫޒް ރައްޔިތުންނާ ދެކޮޅަށް" ކުށްތައް ކުރި މީހުން ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް އޭނާ ވަޢުދުވެވަޑައިގަތެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ވަނީ އެމީހުން ހިފާފައިވާ ސޫރިއާ ގެ ގޯލާން އުސްބިމުން ފެށިގެން ސުވައިދާގެ އިރުމަތީގައިވާ ދުރޫޒް ފަރުބަދައާ ހަމައަށް އޮތް ސަރަޙައްދު ހަތިޔާރު ނުގެންގުޅޭ ސަަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ ދުރޫޒުން ރައްކާތެރި ކުރުމަކީ އިސްރާއީލުގެ ސިޔާސަތެއް ކަމަށެވެ.
ސޫރިއާ ނެޓްވަރކް ފޮރ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ ސުވެއިދާ ޕްރޮވިންސް ގައި ހިނގި ހަތަރު ދުވަހުގެ ހަނގުރާމައިގައި 193 މީހުން މަރުވެފައިވާކަން ލިޔެކިޔުމުން ފެންނަން ހުރި ކަމަށެވެ. މީގެ ތެރޭގައި މެޑިކަލް މުވައްޒަފުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
ނެޓްވާރކުގެ ވެރިޔާ ފާދިލް އަބްދުލްޣަނީ ރޮއިޓަރސް އަށް ބުނެފައި ވަނީ މި އަދަދުގެ ތެރޭގައި ސޫރިއާ ގެ އެތެރޭގެ ގްރޫޕްތަކުގެ ހަމަލާގައި މަރުވެފައިވާ މީހުންނާއި، އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާ ސޫރިއާގެ މީހުން ހިމެނޭ ކަމަށެވެ.