އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ މަނިކުފާނުގެ ރިޓަޔަމަންޓްގެ ސަބްމިޝަން ހުށަހެޅުއްވީ ނިމުނު މެއި މަހުގެ 8 އެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ބުރާސްފަތި ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް ތާވަލުކުރި އެވެ. އެގޮތުން އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ވަނީ މުއުތަސިމްގެ ހުށައެޅުއްވުމާ މެދު ގޮތް ނިންމަވާފަ އެވެ.
އެހެންކަމުން އެ ނިންމުމާ އެކު ރަސްމީ ހައިސިއްޔަތުން މުއުތަސިމް, ކޯޓަށް ދެން ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
ފަނޑިޔާރުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވޭނީ އެ ފުރުސަތު ދިނުމަށް ޖޭއެސްސީން ނިންމައިފި ނަމަ އެވެ. މީގެ ކުރީން ބައެއް ފަނޑިޔާރުންނަށް އެ ފުރުސަތު ދީފައެއް ނުވެ އެވެ.
ރިޓަޔާކުރަން ކޮމިޝަނުން ނިންމިކަން، ކަށަވަރުކޮށްދެއްވަމުން އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަކު ރާއްޖެ އެމްވީއަށް ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޝަން ބައްދަލުވުމުގައި ރިޓަޔާކުރައްްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލު އަންނަ އާދިއްތަ ދުވަހު ހާމަކުރައްވާނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މުއުތަސިމަކީ, މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އެ މަގާމުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާާރެވެ. އޭގެ ކުރީން އެ މަގާމު އަދާކުރެއްވި ހުރިހާ ބޭފުޅުން މަގާމުން ވަކި ކުރެއްވީ އެވެ. ބައެއް ބޭފުޅުން މަގާމުން ވަކި ކުރެއްވީ ބޮޑެތި ތުހުމަތުތައް ވެސް ކުރެއްވުމަށް ފަހު އެވެ.
ސްޕްރީމް ކޯޓަކީ ގިނަގިނައިން ފަނޑިޔާރުން ބަދަލުކުރަމުން އަންނަ ތަކަނަށް ވެއްފައިވާއިރު، މިހާރު ހިނގަމުންދާ ރައީސް މުއިއްޒުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުއެވެ.
މީގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދު ސަސްޕެންޑް ކުރުމުން ރައީސް މުއިއްޒު ފަނޑިޔާރުގެ އަށް އަތްބާނަން މަސައްކަތް ކުރާކަމަށް ވިދާޅުވެ އޭނާ ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ވަކިވެވަޑައިގަތުމަން ނިންމެވިއިރު، އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.
މުއުތަސިމް އަދުނާނަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އެކުލަވާލި ފަހުން އެންމެ ގިނަ އަހަރު އެ ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅާ އެވެ.