ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 13:45
ސީރިޔާގެ ސަލާމަތީ ބާރުތަކުގެ މެމްބަރުން ސުވެއިދާގެ މަގެއްގައި ތިބިއިރު، ސަރުކާރު ސިފައިންގެ ފައުޖުތައް ވެހިކަލް ތަކުގައި ސުވެއިދާ ސަރަހައްދުން ބޭރަށް ގެންދަނީ - ޖުލައި 16، 2025.
ސީރިޔާގެ ސަލާމަތީ ބާރުތަކުގެ މެމްބަރުން ސުވެއިދާގެ މަގެއްގައި ތިބިއިރު، ސަރުކާރު ސިފައިންގެ ފައުޖުތައް ވެހިކަލް ތަކުގައި ސުވެއިދާ ސަރަހައްދުން ބޭރަށް ގެންދަނީ - ޖުލައި 16، 2025.
ރޮއިޓަރސް
އިސްރާއީލް-ސީރިޔާ ހަަމަ ނުޖެހުން
ސީރިއާގެ ސަރުކާރު ސިފައިން ސުވައިދާ ޕްރޮވިންސުން އަނބުރާ ގެންދަން އެއްބަސް ވެއްޖެ
ސީރިޔާ ސަރުކާރު ސިފައިން ދުރޫޒް މަޒްހަބުގެ މީހުން ގިނައުޅޭ ސުވައިދާ ޕްރޮވިންސުން އަނބުރާ ގެންދިއުމަށް އެއްބަސްވެފައިވާ އިރު އިސްރާއީލުން ބުނެފައިވަނީ އެ ސަރަހައްދުން ސީރިޔާ ސިފައިން ނުގެންދާ ނަމަ އިތުރު ހަމަލާތައް ސޫރިޔާ ސިފައިންނާ ދެކޮޅަށް ދޭނެ ކަމަށް

ސީރިއާގެ ސަރުކާރު ސިފައިން ސުވައިދާ ޕްރޮވިންސުން މުޅިން ގެންދިޔުމަށް އެއްބަސް ވެއްޖެއެވެ. ސުވެއިދާ ޕްރޮވިންސް އަކީ ދުރޫޒް މަޒްހަބްގެ މީހުން އެންމެ ގިނަ އިން ދިރިއުޅޭ ސަރަހައްދެވެ.

ދުރޫޒް މަޒްހަބްގެ މީހުންނާއި ސަރުކާރު ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާތާ ދުވަސް ކޮޅެއް ވެފައި ވަނިކޮށް މަސްރަހް ހޫނުވީ ދުރޫޒް ދަރިކޮޅު ސަލާމަތް ކުރުމަށް ކަމަށް ބުނެ އިސްރާއީލުން ސީރިޔާ އަށް ބޮން އަޅަން ފެށުމުންނެވެ.

ސީރިއާ އިން ބުދަ ދުވަހުގެ ރޭ އިޢުލާނުކުރި ގޮތުގައި، އެ ދުރޫޒް މެޖޯރިޓީ އޮންނަ ސުވައިދާ ސިޓީ ގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން މުޅިން ހުއްޓާލައި އަސްކަރިއްޔާ އަނބުރާ ގެންދިއުމަށް ވަނީ ސީރިޔާ ސަރުކާރުން ނިންމާފައެވެ.

ދާޚިލީ ވުޒާރާ އިން ޝާއިޢުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ލިޔުމުގައިވާ ގޮތުން، "އަސްކަރީ ހަރަކާތްތައް މުޅިން އަދި ވަގުތުން ހުއްޓާލެވޭނެ" ކަމަށާއި، އަދި މި އެއްބަސްވުން ތަންފީޒުކުރާ ގޮތް ބެލުމަށްޓަކައި ސަރުކާރުގެ އިސްވެރިންނާއި ދުރޫޒު މަޒްހަބުގެ ލީޑަރުން ހިމެނޭ ކޮމިޓީއެއް އުފައްދާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ސީރިޔާ ގެ ސަރުކާރުން ބުރާސްފަތި ދުވަހު އިޢުލާނުކުރި ގޮތުގައި، ސުވައިދާގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ރަށުގެ އިސްވެރިންނާ ހަވާލުކުރެވޭނެ އެވެ.

ސީރިޔާ ސަރުކާރު ސިފައިން ސުވެއިދާ އަށް ދިޔައީ ދުރޫޒް ހަނގުރާމަވެރިންނާއި ބަދަވީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން ދިޔުމާއެކު އެ ހަމަނުޖެހުންތަކުގައި މަދުވެގެން 350 މީހުން މަރުވުމާ ގުޅިގެން ސަރަހައްދަށް ހަމަޖެހުން ގެނައުމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް ސީރިޔާގެ ސަރުކާރު ސިފައިންނާއި ދުރޫޒު ހަނގުރާމަވެރިންނާ ކުރިމަތިލުންތައް ހިނގާ އެންމެ ފަހުން އިސްރާއީލުން މި މައްސަލައިގެ ތެރެއަށް ވަނީ ވަދެފައެވެ.

ދުރޫޒު މީހުން ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އިސްރާއީލުން ވަނީ ސީރިއާގެ ބާރުތަކަށް ހަމަލާދީ، ދިމިޝްގުގައި ހުރި އަސްކަރިއްޔާގެ މައި މަރުކަޒަށް ބުދަ ދުވަހު ބޮން އަޅާފައެވެ. އަދި އިސްރާއީލުން ބުނެފައި ވަނީ، ސީރިޔާގެ ބާރުތައް ދެކުނުން އަނބުރާ ނުގެންދާނަމަ، އެ ޤައުމުގެ ހަމަލާތައް އިތުރުކުރާނެ ކަމަށެވެ.

- ކޮމެންޓް