ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، ހއ. އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.
ހއ. އުތީމުގައި ޤާއިމު ކުރި ބޮޑު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް، ކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވުޒާރާ އިން އިއުލާން ކޮށްފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
އެކަމާ ގުޅިގެން ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އުތީމުގައި ނިމިގެން އިއުލާން ކުރި ބޮޑު ފުޓުބޯޅަ ދަނޑަކީ ވެސް، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ނުބަަލައި ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުގަައި ރައީސް ޞާލިޙުގެ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ޤާއިމު ކޮށްފައިވާ ދަނޑެއް ކަމަށެވެ.
މީގެ އިތުރުން މަޚްލޫފް ވިދާޅުވީ އެއީ ރައީސް ޞާލިޙުގެ ސަރުކާރުން ގެނެސްދެއްވި ތަރައްޤީގެ ތެރެއިން، ކުޅިވަރުގެ ދާއިރާ އިން އުތީމުގެ ޒުވާނުންނަށް ކޮށްދެއްވި ޚިދުމަތެއް ކަމަށެވެ. އަދި ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން އައުމަކީ ކުރައްވާ އުންމީދެއް ކަމަށް ވެސް މަޚްލޫފް ވިދާޅުވެފައިވެ އެވެ.
ކުރީ ސަރުކާރުން އުތީމު ބޮޑު ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި އެ ދަނޑަށް ބޭނުންވާ ޓާފް ސްޕްލައިކޮށް، އިންސްޓޯލް ކުރުމަށް ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތިން ވަނަ ދުވަހު އެވެ.
ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑު ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ ދަނޑުތަކެއްގެ މަސައްކަތް ނިންމައިފަ އެވެ. އަދި 2023 ވަނަ އަހަރު ސަރުކާރު ބަދަލުވީއިރު ވެސް، ގިނަ ދަނޑުތަކެއްގެ މަސައްކަތް އައީ ކުރަމުންނެވެ.
މި ސަރުކާރުން އަންނަނީ ހުއްޓިފައިވާ ކުޅިވަރު ޕްރޮޖެކްޓުތައް ނިންމުމުގެ ވައުދުގެ ދަށުން، ކުރީ ސަރުކާާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން އެ މަސައްކަތް ރަސްމީކޮށް ހުޅުވަމުންނެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ދަނޑުގެ އިތުރުން، ވޮލީ ކޯޓުތައް ޤާއިމު ކުރުމާއި، އައުޓްޑޯ ޖިމްތައް ޤާއިމު ކުރުމުގެ އިތުރުން، އެހެން ކުޅިވަރު ޕްރޮޖެކްޓުތައް ވެސް ހިމެނެ އެވެ.