އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ބުދަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށެއެވެ.
މިމައްސަލަ ފެންމަތިވެފައިވަނީ އަސްކޮއި ގުރޫޕުން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ މިއަހަރު ލާރި އަތުލުމަށްފަހު، ގަލްފު ހަނގުރާމައިގެ ސަބަބުން މިމަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައި އޮތް ދަތުރު ނުދެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ފޮނުވި މެސެޖް ސޯޝަލް މީޑިޔާގައި އާންމުވުމުންނެއެވެ. އަދި މެސެޖް ފޮނުވުމަށްފަހު ދެން އޮތީ އެނަންބަރު ނިއްވާލާފައި ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެއެވެ. އަދި މިމީސް މީހުންގެ ޕާސްޕޯޓް ވެސް ވީ އޭނާ އަތުގައި ކަމަށް މައުލޫމާތް ލިބެއެވެ.
މީގެ ކުރިންވެސް އަސްކޮއި ގުރޫޕުން އުމްރާއަށް މީހުން ގެންދާނެ ކަމަށްބުނެ ފައިސާ ނަގާ އުމުރާއަށް މީހުން ނުގެންދިޔަ މައްސަލައެއްގައި އެ ގްރޫޕްގެ ވެރިފަރާތް ވަނީ ޝަރީޢަތަށް ފޮނުވާފައި ކަމަށްވެސް މިޕޯސްޓުގައި ބުނެފައިވެއެވެ.
އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ކުރީފަހާރަކު ނުގެންދިކަމަށް ބުނާ އަސްކޮއި ޓްރެވަލް ސާރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްސަލަ ބެލުމަށްފަހު 130,000 (އެއްލައްކަ ތިރީސްހާސް) ރުފިޔާއިން ވަނީ 15 މެއި 22025 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައެވެ.
މިދިޔަ މާރޗު މަހުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އަސްކޮއި ގުރޫޕުގެ އެހީގައި ރަމަޟާން މަހު އުމްރާއަށްދާން ފައިސާ ދެއްކި ބަޔަކަށް ނުފުރިފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ އަދަދެއްގެ ފާއިސާ ނަގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައިގައި އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި އެ ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އަންގާފައިވާނެ ކަމަށް, އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ ބައެއް ޖަމާއަތްތަކުގެ ހުއްދަވެސް މީގެ ކުރިން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް މި އަސްކޮއި ގުރޫޕް ގެ ހުއްދަ މިހާތަނަށް ކެންސަލް ކޮއްފައި ނުވަނީ ކީއްވެގެން ކަމެއް އެގިފައެއް ނުވެއެވެ.