އިނގިރޭސިވިލާތައް މަތީ ފަންތީގެ ބައްދަލުވުން ތަކަކަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް - ހައުސް އޮފް ކޮމަންސް އަށް ވަޑައިގެން ސްޕީކަރ، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ، އާ ބައްދަލު ކުރެއްވުން ހައުސް އޮފް ކޮމަންސްގެ މީޑިއާ އިން ކަވަރު ނުކުރާ ކަން ފާހަގަ ކުރެވިއްޖެއެވެ.
ހައުސް އޮފް ކޮމަންސް ގެ ރަސްމީ ވެބްސައިޓްގެ "ކޮމަންސް ނިއުސް" ބައިގައި ވެސް އަދި ރަސްމީ އެކްސް އެކައުންޓުގައި ވެސް މުއިއްޒުގެ ޒިޔާރަތާ ބެހޭ އެއްވެސް ވާހަކަ އެއް ޝާއިއު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ އަރިހަށް ހައުސް އޮފް ކޮމަންސް ގެ ސްޕީކަރ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވާއިރު، މަންޒަރުތަކުން ފެންނަނީ، ރައީސް މުއިއްޒު ސްޕީކަރ އާ ބައްދަލު ކުރައްވަން ހައުސް އޮފް ކޮމަންސް އަށް ވަޑައިގެންނެވި ތަނެވެ.
މި ބައްދަލުކުރެއްވުން އޮތީ، ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރޒް ހައުސްގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަ ކުރައްވައި، ޚާއްޞަކޮށް ތިމާވެށި ޙިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން، ބުދަ ދުވަހުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވާއިރު، މި ބައްދަލުވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މަޝްވަރާ ކުރެވެނީ، މޯލްޑިވްސް-ޔޫކޭ އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕާ ގުޅިގެން ޕާލަމެންޓަރީ ގުޅުންތައް ވަރުގަދަކުރުމާ ބެހޭގޮތުން ކަމަށެވެ.
Minister @Abkhaleel accompanied President Dr. @MMuizzu during a courtesy call by @CommonsSpeaker Rt Hon Sir Lindsay Hoyle MP.
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 16, 2025
Discussions focused on strengthening parliamentary ties in partnership with the Maldives-UK All Party Parliamentary Group. pic.twitter.com/qLlTSmZeJ7
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި ކަމަށާއި އެއަށްފަހު، އެމަނިކުފާނު ޕެލަސް އޮފް ވެސްޓްމިންސްޓަރ ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
"މި ބައްދަލު ކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ޤާއިމުކުރުމަށް ދެޤައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަން ކަށަވަރު ކޮށްދޭ ބައްދަލުވުމެކެވެ." އިތުރު ތަފްސީލެއް ނުދީރައީސް އޮފީހުން މި ބައްދަލުވުމާ ގުޅިގެން ޝާއިއު ކުރި ޚަބަރުގައި ވެއެވެ.
ބައްދަލުވުމުގައި ނިންމި އެއްވެސް ކަމެއްގެ ވާހަކަ އެއް ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު އިނގިރޭސިވިލާތައް ކުރައްވަނީ ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައިވާ އިރު އެ ގައުމުގެ އެއްވެސް މީޑިއާ އަކުން އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވި ޚަބަރެއް ޝާއިއު ކޮށްފައެއް ނުވެއެވެ.