އިސްރާއީލުން ސީރިޔާ ގެ ވެރިރަށަށް ހަމަލާ ދީ ސިފައިންގެ މައި މަރުކަޒަށް ބޮން އަޅައިފިއެވެ.
އިސްރާއީލުގެ ސިފައިން ސީރިޔާ ގެ ވެރިރަށް ދިމިޝްގު ގައި ހުރި ސީރިއާގެ ސިފައިންގެ މައި މަރުކަޒަށް ހަމަލާދިނުމުގެ އިތުރުން އަދި ސީރިއާގެ ދެކުނުގައިވާ ސުވައިދާ ސިޓީގައި ތިބި ސީރިއާގެ ސިފައިންނަށް އިތުރު ހަމަލާތަކެއް ދީފައިވެއެވެ.
ސީރިޔާ ގެ މަސްރަހް ހޫނުވެފައި ވަނީ ދެކުނުގައިވާ ދުރޫޒު ސިޓީގައި ސީރިޔާ ސަރުކާރުގެ ސިފައިންނާއި ދުރޫޒު ހަނގުރާމަވެރިންނާ ދެމެދު އަލުން ހަމަ ނުޖެހުންތައް އުފެދުމާ ގުޅިގެންނެވެ.
އިސްރާއީލުން ބުނެފައި ވަނީ "ދިމިޝްގުގައި ހުންނަ ސީރިއާ ސަރުކާރުގެ ސިފައިންގެ މައި މަރުކަޒުގެ މައި ދޮރަށް ހަމަލާދީފައިވާ" ކަމަށާއި "ދެކުނު ސީރިޔާ ގައި ދުރޫޒު ގެ އާންމު ރައްޔިތުންނާ މެދު އަޅަމުންދާ ފިޔަވަޅުތަކާއި ކަންތައްތައް މޮނިޓަރކުރަމުން" ދާ ކަމަށެވެ. މިއީ ވިދިވިދިގެން އިސްރާއީލުން ސީރިއާ އަށް ހަމަލާ ދިން ތިން ވަަނަ ދުވަހެވެ.
މިއީ ސީރިޔާ ގެ ސަރުކާރުގެ ބާރުތަކުން ދުރޫޒު މައިނޯރިޓީ އަށް ގެއްލުން ދިނުމުން އެމީހުން ސަލާމަތް ކުރުމުގެ މަޤްޞަދުގައި ސީރިޔާ ގެ އިސްވެރިންނަށް ދޭ ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
ސީރިޔާގެ ޑިފެންސް މިނިސްޓްރީގެ ސެކިއުރިޓީ މަސްދަރުތަކުން ރޮއިޓަރސް އަށް ބުނެފައި ވަނީ މަދުވެގެން ދެ ޑްރޯން ހަމަލާ އިމާރާތަށް އަމާޒުވެފައިވާ ކަމަށާއި އޮފިސަރުން ތިރީ ބުރީގައި ރައްކާތެރިވެގެން ތިބި ކަމަށެވެ. ސަރުކާރުން ހިންގާ އަލްއަޚްބާރިއްޔާ ޓީވީން ބުނެފައި ވަނީ އިސްރާއީލުގެ ހަމަލާއިން އާންމުންގެ ދެ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ސީރިޔާ ގެ ސަރުކާރު މީޑިއާ އާއި މަންޒަރު ދުށް މީހުންގެ ބަހުން ބުނެފައި ވަނީ ބުދަ ދުވަހު މުޅިންހެން އިސްރާއީލުން ހަމަލާދީފައި ވަނީ ދުރޫޒުން ގެ މެޖޯރިޓީ އޮންނަ ސުވައިދާ ސިޓީ އަށް ކަމަށެވެ.
އިސްރާއީލުން އިތުރަށް ބުނެފައި ވަނީ ސީރިއާގެ ބޯޑަރަށް އިތުރު ސިފައިން ފޮނުވަމުންދާ ކަމަށެވެ.
ސީރިޔާ ގެ ސަރުކާރު ސިފައިން ހޯމަ ދުވަހު ސުވައިދާ ސަރަޙައްދަށް ފޮނުވީ ދުރޫޒު ހަނގުރާމަވެރިންނާއި ހަތިޔާރުއެޅި ބަދަވީންނާ ދެމެދު ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓުވުމަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެންމެ ފަހުން ދުރޫޒު ހަނގުރާމަ ވެރިންނާއި ސީރިޔާ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަން ފެށިއެވެ.
އެ ސަރަހައްދުގެ މީޑިއާ އެއް ކަމަށްވާ ސުވައިދާ24 އިން ބުނެފައި ވަނީ ބުދަ ދުވަހުގެ ފަތިހުން ފެށިގެން ސުވައިދާ ސިޓީ އާއި ކައިރީގައިވާ ރަށްތަކަށް ބޮޑެތި އާޓިލަރީ އާއި މޯޓަރ ހަމަލާތައް އަމާޒުވަމުންދާ ކަމަށެވެ. ސީރިޔާގެ ޑިފެންސް މިނިސްޓްރީން ސަރުކާރުގެ ނިއުސް އޭޖެންސީ ސާނާ މެދުވެރިކޮށް އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ސުވައިދާގައި ތިބި ޤާނޫނާ ޚިލާފު ގްރޫޕްތަކުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ސިޓީގެ ރައްޔިތުންނަށް ގޮވާލާފައިވަނީ ގޭގައި ތިބުމަށެވެ. ރޮއިޓަރސް އިން ފޯނުން ގުޅައިގެން ވާހަކަދެއްކި ބައެއް ރައްޔިތުން ބުނެފައި ވަނީ އެމީހުން ބިރުން ގޭގައި ތިބެންޖެހިފައިވާ ކަމަށާއި ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ސީރިއާގެ ރައީސްގެ އޮފީހުން ބުދަ ދުވަހު ވަނީ ސުވައިދާގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާ ހިންގި ފަރާތްތަކަށް އަދަބުދޭނެ ކަމަށް ވަޢުދުވެފައެވެ. ހަމަ ނުޖެހުންތަކުގައި ބައެއް މީހުން މަރާލާފައިވާ ކަމަށާއި ބައެއް މީހުންނަށް އަނިޔާ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސުވައިދާގައި ހިނގަމުންދާ އަނިޔާވެރި ހަރަކާތްތަކުން ސީރިޔާ ގެ އެކި މުޖުތަމަޢުތަކުގެ މެދުގައި ހުރި ޚިލާފު ތައް ފާހަގަވެގެން ގޮސްފައިވެއެވެ. މައިނޯރިޓީ ޖަމާޢަތްތަކުން އައު ސަރުކާރާ މެދު އިތުބާރު ނުކުރާކަން ފާހަގަކުރެވެއެވެ.
އާދީއްތަ ދުވަހު ހަނގުރާމަ ފެށުނީއްސުރެ ގިނަ އަދަދެއްގެ މަދަނީ ރައްޔިތުންނާއި، ސަރުކާރުގެ ސިފައިންނާއި، ދުރޫޒު ހަނގުރާމަވެރިން މަރުވެފައިވެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުދަ ދުވަހު ސީރިޔާގެ ސަރުކާރަށް އިންޒާރުދެއްވަމުން ވަނީ "ދުރޫޒުންނަށް އުނދަގޫ ނުކުރުމަށް" އަންގަވާފައެވެ . އަދި ސަރުކާރުގެ ސިފައިން އެ ސަރަހައްދުން އަނބުރާ ގެންދަންދެން އިސްރާއީލު ސިފައިން ސީރިއާގެ ސަރުކާރުގެ ބާރުތަކަށް ހަމަލާދޭނެ ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުގައި ހުރި ދުރޫޒު ކޮމިއުނިޓީގެ އިސްވެރިޔާ ޝެއިޚް މުވައްފަޤް ތަރީފް ބުނެފައި ވަނީ މި ހާލަތަކީ "ދުރޫޒު މުޖުތަމަޢުގެ ދެމި އޮތުމާ" ގުޅިފައިވާ ހާލަތެއް ކަމަށެވެ.
އެމެރިކާ އިން ސީރިޔާ އަށް ކަނޑައަޅާފައިވާ ސަފީރު ޓޮމް ބެރެކް އަންގާރަ ދުވަހު ވިދާޅުވީ އެމެރިކާ އިން "ހަމަޖެހުމަކާއި އެއްބައިވަންތަ ކަމަަށް މަގުފަހި ކުރުމަށް" ހުރިހާ ފަރާތްތަކަކާ ގުޅުން ބާއްވަމުންދާ ކަމަށެވެ.
ސީރިއާގެ ރައީސްގެ އޮފީހުން ބަޔާނެއް ނެރެ ބުނެފައިވަނީ ސުވައިދާ ގަވަރނޭޓްގައި ހިނގަމުންދާ ހަމަލާތަކަކީ "ޤާނޫނާ ޚިލާފު ޢަމަލުތަކެއް" ކަމަށާއި މިއީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ސީރިޔާ ގެ ސަރުކާރުން، މި ނުބައި ޢަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އަދި މިކަމާ ގުޅުންހުރި ހުރިހާ ހާދިސާތަކެއް ތަޙްޤީޤުކޮށް، އެކަމުގައި ބައިވެރިވިކަން ސާބިތުވާ އެންމެންނަށް އަދަބު ދިނުމަށް ފުރިހަމަ އަށް އެއްބަސްވަމެވެ،" ސަރުކާރުގެ މީޑިއާ އިން އާންމު ކުރި ބަޔާނުގައި ބުނެފައިވެއެވެ.
ރައީސްގެ އޮފީހުން ސުވައިދާގެ ރައްޔިތުންނަށް ޔަޤީންކަން ދީފައިވަނީ އެމީހުންގެ ޙައްޤުތައް "އަބަދުވެސް ރައްކާތެރިކުރާނެ" ކަމަށާއި، "އެއްވެސް ފަރާތަކަށް އެމީހުންގެ ސަލާމަތާއި ހަމަޖެހުމާ ކުޅޭކަށް ފުރުޞަތެއް ނުދޭނެ" ކަމަށެވެ.
މި ބަޔާން ނެރުނީ އިސްރާއީލުގެ ސިފައިން ސުވައިދާ އަށް ހަމަލާދެމުންދާ ވަގުތެއްގައެވެ.
An Israeli airstrike hit #Damascus, targeting the Defense Ministry's compound in the capital.
— Al Mayadeen English (@MayadeenEnglish) July 16, 2025
The attack comes after the Israeli security minister stated that, "The warning messages to Damascus are over, and now the painful strikes will come."#Syria pic.twitter.com/rjfDTo4jkz
އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި، އިސްރާއީލުގައި ތިބި ދުރޫޒު ކޮމިއުނިޓީ އަށް ނިސްބަތްވާ މީހުން ބޯޑަރު ހުރަސް ކޮށް ސީރިޔާ އަށް ނުދިއުމަށާއި، އެއީ އިސްރާއީލުގެ ރައްޔިތުން ކަމަށާއި އިސްރާއީލުން މަސައްކަތް ކުރަމުން ދަނީ ސީރިޔާ ގައި ތިބި ދުރޫޒް އަޚުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފައިވެއެވެ.