މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި ހުޅުމާލޭގައި ބޭއްވުމަށް ނިންމި "ރަންރީނދޫ" ދުވުމަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ރަންރީނދޫ ހަރަކާތަކީ މުޅި ރާއްޖޭގައި ބާއްވާ ހަރަކާތެއް ކަމަށާއި، މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00ން 6:00ށް ސެންޓަރަލް ޕާކު ވަށައި އޮންނަ މަގުގައި ދުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި ހަރަކާތް ބޭއްވުމަށް ހުއްދައަށް އެދި އެޗްޑީސީއަށް ފޮނުވި ކަމަށާއި، ނަމަވެސް ސިޔާސީ ހަރަކާތެއް ކަމަށް ބުނެ އެޗްޑީސީން ހުއްދަ ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ މި ހަރަކާތް ބޭއްވުމަށް ހުއްދަ ދީފައިވަނީ ހުޅުމާލޭ ފޭސް-2 ގައި އޮންނަ ރުށްގަނޑު ސަރަހައްދުގައި ކަމަށެވެ.
ނަމަވެސް ދެވަނަ ފަހަރަށް މި ދުވުން ސެންޓަރަލް ޕާކު ވަށައި މަގުގައި ކުރިއަށް ގެންދިއުމަށް އެދި ސިޓީ ފޮނުވި ކަމަށާއި، މިއީ ސިޔާސީ ގޮތުން ބާއްވާ ހަރަކާތެއް ނޫން ކަމާއި، މި ހަރަކާތުގެ ހުރިހާ އިންތިޒާމެއް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ތަފްސީލުކޮށް ކިޔައިދިން ނަމަވެސް އެޗްޑީސީއަށް ހުއްދަ ދެވެން ނެތް ކަމަށާއި، މި ހަރަކާތަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ރަންރީނދޫ ދުވުމުގައި ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށެވެ.
އަޅުގަނޑުމެން ރާވާފައި އޮތީ މިދެންނެވިހެން 18 ވަނަ ދުވަހު މިއަންނަ ހުކުރު ދުވަހު މިހަރަކާތް މާލޭގައި ފެށުމަށްފަހު އެއީ ދަންމަރަކާއެކު އެމްޑީޕީގެ 20 އަހަރު ރަމްޒު ކޮށްދޭ 20 އަހަރު. އެ ދަންމަރާއެކު އަޅުގަނޑުމެން ހުޅުމާލޭގައި ދުވުމަށްފަހު ދެން އެ ދަންމަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ގެންދަން. އޭގެމާނައަކީ ރާއްޖޭގައި މީހުން އުޅޭ ރަށެއް ވިއްޔާ އަޅުގަނޑުމެން އެންމެ އުތުރުން ފަށައިގެން ދެކުނަށް ހުރިހާ ރަށަކަށް ގެންގޮސް ނިންމުމަށް އަޅުގަނޑުމެން މިހާރު އެމަސައްކަތް ކޮށް އެޝެޑިއުލް އެކުލަވާލައި އެހުރިހާ ކަމެއް ވާނީ އިންތިޒާމް ކޮށްފައި. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ އޭޕްރީލް އަންނަންވާއިރަށް އަޅުގަނޑުމެންނަށް ރާއްޖޭގައި ހުރިހާ މީހުން ދިރިއުޅޭ ރަށެއްގައި އެ ދަންމަރު ގެންގޮސްގެން އެރަށްރަށުގައި އަދި އެމްޑީޕީގެ 20 އަހަރު ފުރޭ މުނާސަބަތުގައި ހިންގާ ހަރަކާތްތައް ކޮންމެ ރަށެއްގައި ވެސް ހިންގުމަށް އެ އިންތިޒާމުތައް ކުރަމުން މިދަނީ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް![]()
ހަސަން ލަތީފް ވިދާޅުވީ ރަންރީނދޫ ދުވުމުގައި ބޭނުންކުރާ ދަންމަރަކީ މި ރާއްޖެއަށް ކޮށްދީފައިވާ އެކިއެކި މަސައްކަތްތަކާއި، ޚިދުމަތްތަކުގެ އިތުރުން ތަރައްގީ ރަމްޒު ކޮށްދޭ ދަންމަރެއް ކަމަށެވެ.
އަޅުގަނޑުމެންގެ އެ ދަންމަރަނީ އެމްޑީޕީގެ ފާއިތުވި 20 އަހަރު ދިވެހި ރައްޔިތުންނަށާއި، މިރާއްޖެއަށް ކޮށްދީފައިވާ އެކިއެކި މަސައްކަތްތައް ޚިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭ ދަންމަރު. އެހެންވީމަ އަޅުގަނޑުމެން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މިދަންމަރު ފޮނުވާއިރު އަޅުގަނޑުމެން އެބަ ފޮނުވަން ޕާޓީގެ ފަރާތުން އެރަށްރަށުގައި ތިބި ރައްޔިތުންނަށް ޚާއްސަކޮށް އެމްޑީޕީ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ ބޭފުޅުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ފަތްކޮޅެއް ވެސް.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް![]()
އެމްޑީޕީއަށް 20 އަހަރުފުރުން ކުލަ ގޮތަކަށް ފާހަގަކުރަމުންދާއިރު، ތަފާތު އެކި ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ޖަލްސާތައް ބާއްވަން ވަނީ ނިންމާފައެވެ.