ކ. މާލެ
|
14 ސެޕްޓެންބަރ 2025 | އާދީއްތަ 09:46
ޗެލްސީ އާއި ބްރެންޓްފޯޑު ކުޅުނު މެޗުގެ ތެރެއިން
ޗެލްސީ އާއި ބްރެންޓްފޯޑު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، މެޗުން މޮޅުވުމަށް ޗެލްސީގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ޚާއްސަކޮށް ފަހަތުން އަރައި ދެ ލަނޑު ޖެހިއިރު، އިތުރު ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސްކުރި ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރު ވެއްޖެ އެވެ.

ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ބްރެންޓްފޯޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީ އިން ވަނީ ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަަހައިގެން ބްރެންޓްފޯޑު ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެންޓްފޯޑުން ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކެވިން ޝަޑޭ އެވެ. މެޗުގައި ޗެލްސީ އިން ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޗެލްސީ އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ، މެޗުގެ 61 ވަނަ މިނެޓުގަ އެވެ. ޔާއޯ ޕެޑްރޯ ތަަނަވަސްކޮށްދިން ފުރުސަތެއްގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯލް ޕާމާ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޮއިސަސް ކަސެއިޑޯ އެވެ.

ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން ބްރެންޓްފޯޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ޖަހައި ޗެލްސީ ކަައިިރިން ބްރެންޓްފޯޑަށް ޕޮއިންޓެއް ހޯދައިދިނީ ފަބިއޯ ކަވާލޯ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، މެޗުން މޮޅުވުމަށް ޗެލްސީގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ޚާއްސަކޮށް ފަހަތުން އަރައި ދެ ލަނޑު ޖެހިއިރު، އިތުރު ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސްކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ފަހު ވަގުތު ބްރެންޓްފޯޑުން ނަތީޖާ ހަމަހަމަ ކުރިއިރު، ޗެލްސީ އަށް ނަސީބު ނެތީ ކަމުގައި އޭނާ ބުންޏެވެ.

އިތުރަށް މަރެސްކާ ބުނީ ފުރަތަމަ ހާފުގައި ޗެލްސީ އަށް އުނދަގޫ ތަކެއް ކުރިމަތިވި ނަމަވެސް، ދެ ވަނަ ހާފުގައި އެ ޓީމުން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރި ކަމަށެވެ. މޮޅުވާން ބޭނުންވި ނަމަވެސް، މެޗުން ޕޮއިންޓެއް ލިބުމުން ވެސް ހިތްހަމަ ޖެހޭ ކަމުގައި އޭނާ ބުންޏެވެ. އަދި ރަނގަޅު ކުރަން ހުރި ކަންކަމަށް އިތުރު މަސައްކަތް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި މަރެސްކާ ވަނީ ފާހަގަ ކޮށްފަ އެވެ.

ލީގުގައި މިހާތަނަށް ޗެލްސީ އިން ހަތަރު މެޗު ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ ދެ މެޗުންނެވެ. އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ހަތަރު މެޗުން އަށް ޕޮއިންޓާ އެކު ޗެލްސީ އޮތީ ފަސް ވަނައިގަ އެވެ.

- ކޮމެންޓް