ރާއްޖޭގައި ހަމަ އެކަނި ކެންސަރު ބަލީގެ ހޮސްޕިޓަލެއް އެޅުމަކީ އޭގެ ޒާތުގައި ކެންސަރު ބަލީގެ ހާލަތު ބަދަލުވެގެން ދާނޭ ކަމެއް ނޫން ކަމަށާއި އެއާއި އެކުއެކީ ރަނގަޅު ބޭސްފަރުވާގެ ނިޒާމެއް އޮތުމަކީ ވެސް ވަރަށް މުހިންމުކަމެއް ކަމުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަބްދުﷲ ނާޒިމް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުންނެވެ.
ކެންސަރު ހޮސްޕިޓަލް އަޅަން އެންމެ ފުރަތަމަ ނިންމީ ރައީސް އިބުރާހީމް މުޙައްްމަދު ޞާލިހުގެ ސަރުކާރުން ލ. އަތޮޅު ގަމުގައެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލް މާލޭގައި އަޅަން ނިންމާފައެވެ.
މި ސަރުކާރުން ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރަން ނިންމިއިރު ގަމުގައި އެ ހޮސްޕިޓަލް އަޅަން ކުރަންޖެހޭ މަސައްކަތްތައް ހުރީ މުޅިން ނިމިފައި އެވެ.
ކެންސަރު ހޮސްޕިޓަލް ބަދަލު ކުރަން މި ސަރުކާރުން ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ސަރުކާރުން އޭރު ވަނީ ބުނެފަ އެވެ.
އަދި ހަމަ އެއާއި އެކު ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަކީ ވެރިކަން ކުރާ ރަށަށް ހުރިހާ ބާރެއް މަރުކަޒު ކުރުމުގެ ސަގާފަތް އަލުން އިއާދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ދިއައީ ބުނަމުންނެވެ.
ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލުކޮށް ދަރުމަވަންތަ ހޮސްޕިިޓަލްގެ ފުރަގަހުން އޮންނަ ބިމުގައި އިމާރާތް ކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ވެސް ހެލްތު މިނިސްޓްރީން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އިއުލާނު ކޮށްފައެވެ.
އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް މި ސަރުކާރުން އެ ހޮސްޕިޓަލް އެޅުމަށް ވީ ވައުދު ފުއްދާފައި ނުވާތީ އަދި އެކަމުގެ އަމަލީ މަސައްކަތް ވެސް ފަށާފައި ނުވާތީ ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކެންސަރު ހޮސްޕިޓަލް އެޅުމަށް މި ސަރުކާރުން ވި ވައުދު މިހާތަނަށް ވެސް ފުއްދާފައި ނުވާއިރު، އެ ވާހަކަވެސް ފަހަކަށް އައިސް ނުދައްކައެވެ. އެހެން ވެ މިކަމާއި ގުޅިގެން އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ކެންސަރު ބައްޔަކީ ރާއްޖޭގެ އާބާދީއަށް ބަލާއިރުގައި ވެސް ކަންބޮޑުވާ މިންވަރަށް ރާއްޖެއިން ފެންނަ ބައްޔެއް ކަމަށާއި އެކަން އާސަންދައިގެ ތަފާސްހިސާބުތަކުން ވެސް ވަރަށް ރަނގަޅަށް އެބަ އެނގޭ ކަމަށެވެ.
އެހެން ކަމުން ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަކީ މި ސަރުކާރުގެ ވެސް އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ބޮޑެތި ޕްރޮޖެކްޓް ތައް ބަރޯސާ ވަނީ އިންޓަރނޭޝަނަލް ފައިނޭންޝަލް ޑޯރނާސް ތަކަށާއި އަދި ބޭރު ގައުމުތަކާއި އެކު މި ސަރުކާރުން ގެންގުޅޭ ގުޅުންތަކުގެ މައްޗަށް ކަމަށެވެ. އެހެން ކަމުން މި ހޮސްޕިޓަލް ބިނާ ކުރުމަށް ހޯދަން ޖެހޭ ފައިސާ ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވަރަށް ބާރު ސްޕިޑުގައި ކުރިއަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ކަރުދާހުގެ ލެވެލްގައި ސަރުކާރުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެ ނިމިފައިވާ ކަމަށެވެ. އަދި ދެން އޮތީ އޭގެ ކޮންސެޕްޓް އެކުލަވާލައި ޓެކްނިކަލް ފީސިބިލިޓީ ތައް ބަލައި ޓެކްނިކަލީ ވާންޖެހޭ ތައްޔާރީތައް ވުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދަޅުވީ މިކަމުގެ އަމަލީ މަސައްކަތް ފެށުނުކަމުގައި ބެލެވޭނީ ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ވެސް ފެށުމުން ކަމަށާއި ނަމަވެސް މިކަމަށް ޓެކްނިކަލީ ވާންޖެހޭ އެހެން ހުރިހާ ތައްޔާރީތައް މިހާރު ވެނިމިފައި ވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސިއްޚީ ނިޒާމެއްގައި އަބަދުވެސް އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ހާލަތު ބަދަލުކުރުމަށް ޓަކައި ސިޔާސަތުތައް އެކަށައެޅުން ކަމަށާއި ހޮސްޕިޓަލެއް އެޅުމަކީ ކެންސަރު ބަލީގެ ހާލަތު މުޅިން ރަނގަޅު ވާނޭ ކަމެއް ނޫން ކަމަށެވެ. ހަމަ އެއާއި އެކު ރަނގަޅު ގިނަ މީހުންނަށް ބޭސްފަރުވާގެ ނިޒާމް ލިބެން އޮތުމަކީ ވެސް މުހިންމުކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ގައުމުގެ ގޮތުގައި ހެލްތްގެ ނިޒާމުގެ އެންމެ މުހިންމު ކަމަކީ މިފަދަ ބަލިތަކުން ދުރުވެ ތިބުމައްޓަކައި ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން. އެކަމަށްޓަކައި ސިޔާސަތުތައް އެކުލަވާލުން.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް![]()
މިނިސްޓަރ އިތުރަށް ވިދާޅުވީ ކެންސަރ ހޮސްޕިޓަލެއް ރާއްޖޭގައި އުފަންވެގެން ދާއިރު އެއާއި އެކު ރަނގަޅު ބޭސްފަރުވާގެ ނިޒާމެއް ގާއިމް ވާން ޖެހޭނޭ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން މިކަމަށް ވެފައިވާ ވައުދު ފުއްދަވާނޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.