ފްލެޓް ލިސްޓްތަކެއް ފައިނަލް ކުރެއްވިއްޖެ ކަމަށާއި މިހާރު ކުރިއަށްދަނީ އެގްރިމެންޓުގައި ސޮއިކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މިނިސްޓަރުންނާ ސުވާލުކުރެވޭ ގޮތަށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި މުއްތަލިބް ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން، ފްލެޓްގެ ވެރިފަރާތާ އެކު ސޮއިކުރަންޖެހޭ އެގްރީމެންޓްގެ ޑްރާފްޓް ބަންޑާރަ ނައިބުގެ އޮފީހުގެ ލަފަޔަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެގްރީމެންޓްގައި ސޮއިކުރާނެ ބޮޑު ތަނެއް ހެދުމުގެ މަސައްކަތް އެފްޑީސީން ކުރިއަށް ގެންދާކަމަށާއި، އެގްރީމެންޓްގައި ސޮއިކޮށް ނިމުމާއެކު ފްލެޓްތައް ހަވާލުކުރަން ފަށާނެ ކަމަށެވެ.
4000 މީހުންނަށް އެގްރިމެންޓް ކޮށް ފްލެޓް ހަވާލުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް، އެހެންވީމަ އެކަން ކުރާނެ ތަނަކާ އެތަނަށް އާންމުން އެއްވެގެން އެމަސައްކަތް ކުރިއަށްދާއިރު ފަސޭހަ ކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ، އެހްނެވީމަ ހަގީގަތުގައި މިވަގުތު އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،
މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް![]()
މުއްތަލިބް ވިދާޅުވީ، މިހާރުގެ ޓާގެޓަކީ އެހުރިހާ ކަންތައްތަކެއްވެސް ހަމަޖައްސާ އަންނަ ހަފްތާތެރޭގައި އެގްރިމެންޓުގައި ސޮއިކުރަން ފެށޭވަރު ވާނެ ކަމަށެވެ. އަދި ޖުލައި މަސް ތެރޭގައި ސޮއިކުރުމާއެކު ފްލެޓް ހާވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ ލަސްވެގެން ދަނީ ވަރަށްގިނަ އާންމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއްގެ ގޮތުގައި ކުރަންޖެހޭ ކަމަކަށް ވާތީ ކަމަށެވެ. އަދި ފްލެޓްގެ މަސައްކަތްތައް ނިމުމާއި ގާތްވެފައިވީ ނަމަވެސް ފިނިޝިންގ މަސައްކަތް ކުރިޔަށް ދާ ނުވަަތަ ނިމިފައި ހުރި އެއްވެސް ފްލެޓެއް ނެތްކަމަށެވެ.