Advertisement
ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 20:51
ދ. ބަނޑިދޫއަށް ފޮނުވި ބައު ޖަނަރޭޓަރު
ދ. ބަނޑިދޫއަށް ފޮނުވި ބައު ޖަނަރޭޓަރު
ރާއްޖެއެމްވީ
ބަނޑިދޫ
ފެނަކައިން ބަނޑިދޫއަށް ފޮނުވި ބައު ޖަނަރޭޓަރ އެރަށު ރައްޔިތުން ނިކުމެ ބޭރު ކޮށްފި
އެ ޖަނަރޭޓަރުގެ ހާލަތު ފެނި އެ ޖަނަރޭޓަރަކީ އެއްވެސް ބޭނުމެއް ކުރެވޭނެ އެއްޗަކަށް ނުވާނެތީ ރައްޔިތުން ނިކުމެ އެރަށަށް އެރުވިޔަ ނުދީ ވަނީ ފޮނުވާލައިފަ
މިއަދު އެރަށަށް ފޮނުވި ޖަނަރޭޓަރަކީ ވަރަށް ބާވެފައިވާ މުޅި އެތީގައި ދަބަރު ޖަހައި ރޭޑިއޭޓަރުވެސް ފުނޑުފުނޑު ވެފައި އޮތް އެއްޗެއް ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

ބާވެ ހަލާކުވެފައިވާ ޖަނަރޭޓަރެއް ދ.ބަނޑިދޫއަށް ފޮނުވުމުން އެރަށު ރައްޔިތުން ނިކުމެ އެރަށަށް އެރުވިޔަނުދީ ބޭރުކޮށްފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާއި ވާހަކަ ދެއްކި އެރަށު އާންމު ރައްޔިތަކު ބުނީ، ކޮންމެވެސް ރަށެއްގައި ބޭނުންކޮށް ވަރަށް ބާވެފަހުރި 150 ކިލޯވޯޓުގެ ޖަނަރޭޓަރެއް މިއަދު އެރަށަށް ގެނެސްފައިވާ ކަމަށާއި އެ ޖަނަރޭޓަރުގެ ހާލަތު ފެނި އެ ޖަނަރޭޓަރަކީ އެއްވެސް ބޭނުމެއް ކުރެވޭނެ އެއްޗަކަށް ނުވާނެތީ ރައްޔިތުން ނިކުމެ އެރަށަށް އެރުވިޔަ ނުދީ ފޮނުވާލައިފައިވާ ކަމަށެވެ.

އޭނާ ބުނީ، ބަނޑިދޫއިން ޖަނަރޭޓަރަކަށް އެދިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި މިސަރުކާރުންވެސް ޔަގީންކަން ދީފައި އޮތީ އެރަށަށް އައު ޖަނަރޭޓަރެއް ފޮނުވާނެކަމަށް ކަމަށެވެ. އަދި އެހެން ބުނެފައި އޮއްވާ މިއަދު އެރަށަށް ފޮނުވި ޖަނަރޭޓަރަކީ ވަރަށް ބާވެފައިވާ މުޅި އެތީގައި ދަބަރު ޖަހައި ރޭޑިއޭޓަރުވެސް ފުނޑުފުނޑު ވެފައި އޮތް އެއްޗެއް ކަމަށެވެ.

ބަނޑިދޫ ރައްޔިތުން މިބުނަނީ 400 އިންމަތީގެ ޖަނަރޭޓަރުތަކެއް ބޭނުންކުރަމުންދާ ތަނަކަށް 150ގެ އެއްޗެއް ކީއްކުރަންހޭ ބާއެއްޗެއް ތިފޮނުވީ، ދެން ފެނަކައިން މިބުނަނީ ތިމަންނަމެން އޭތި މަރާމާތުކޮށްގެން ކަރަންޓު ދޭނީއޭ، އެކަމަކު ބަނޑިދޫ ރައްޔިތުން ގަބޫލުކުރާ ގޮތުން ވެއްޖެއްޔާ 440 ކިލޯވޯޓު ބޭނުންކުރާ ތަނަކަށް 150 ކިލޯވޯޓުގެ ބާ ޖަނަރޭޓަރެއް ގެނެސްގެން ކުރެވޭނެ އެއްވެސް ބޭނުމެއް ނޯންނާނެކަމަށް، އެހެންވެ ބަނޑިދޫ ރައްޔިތުން ބޭނުންވަނީ އެޖަނަރޭޓަރު ބޭނުން ނުހިފޭ އެއްޗެއްގެ ގޮތުގައި ބަނޑިދޫއަށް ނުގެންނަން، މިސަރުކާރުން ޖަނަރޭޓަރެއް ދީފީމެ އެމާނާގައި ބަނޑިދޫއަށް ޖަނަރޭޓަރެއް ބޭނުން ނުވާކަމަށް،

ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާއި ވާހަކަ ދެއްކި އެރަށު އާންމު ރައްޔިތަކު

އޭނާ ބުނީ، އެމްޑީޕީގެ ވެރިކަމުގައި 420 ކިލޯވޯތުގެ ޖަނަރޭޓަރަކާއި 440 ކިލޯވޯޓުގެ އައު ދެ ޖަނަރޭޓަރު ފޮނުވި ކަމަށާއި މިހާރުވެސް އެރަށުގައި ބޭނުން ކުރަމުންދަނީ އެޖަނަރޭޓަރުތައް ކަމަށެވެ. އަދި އެ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް 4 އަހަރަށްވުރެ ގިނަ ދުވަހު ބޭނުން ކުރުމުން މަރާމާތު ކުރަން ޖެހިފައިވާކަމަށެވެ. އެހެން ނަމަވެސް މިވަގުތު ބެކަޕް އެއްވެސް އެއްޗެއް އެރަށުގައި ނެތްކަމަށެވެ.

މީގެ އިތުރުން ބަނޑިދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ ވިދާޅުވީ، ކައުންސިލުން އަބަދުވެސް ތިބޭނީ ރައްޔިތުންނާއި އެކުގައި ކަމަށާއި ރައްޔިތުން ބޭނުންނުވާ ކަމެއް ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން ކައުންސިލުން ދޯނީގެ ވެރިމީހާއި އެކަމުގައި އުޅުން ބޭފުޅުންނަށް އެކަން ނުކުރުމަށް އަންގާފައިވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މުޙައްމަދު މޫސާ ވިދާޅުވީ، އެކަން އެގޮތަށް ދިމާވުމުން ފެނަކައިގެ ބޭފުޅަކާއި ވާހަކަދެކެވުނު ކަމަށާއި އެބޭފުޅާ ބުނިގޮތުގައި ފެނަކައިން މިގޮތައް އަމަލުކޮށްފައިވަނީ މިފަހަރުގެ ޝިޕްމެންޓުގައި ބަނޑިދޫއަށް އައު އެއްޗެއް ދިނުމަށް އަންގާފައި ނެތުމުން ކަމަށެވެ. ނަމަވެސް އައު ޖަނަރޭޓަރެއް ދެއްވާނެ ކަމުގެ ޔަގީންކަން މިސަރުކާރުންވެސް ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުވެސް ރައްޔިތުންނާއި އެކީގާ ވާންޖެހޭ އެންމެބޮޑު އެއް ސަބަބަކީ، މިރަށަށް އަރުވަން އުޅުނީ 150 ވޯލްޓޭޖުގެ ޖަނަރޭޓަރެއް، އޭއްޗަކީ ވަރަށް ބޮޑަށް ހަލާކުވެފަ ބަލާބެލުމަށްވެސް އިނގޭ ވަރަށް ބޮޑަށް ވީރާނެވެފަވާ ޖަނަރޭޓަރެއްކަން، ދެން ހަމައެއާއެކީގަ މިރަށުގެ މި ކަރަންޓު މައްސަލައަށް އެވަރުގެ އެއްޗެއް ގެނެސްގެން ހައްލެއް ލިބިދާނެ ކަމަށް އަޅުގަނޑުވެސް ގަބޫލެއް ނުކުރަން އަދި ރައްޔިތުންވެސް ގަބޫލެއް ނުކުރެ، އެހެނވީމަ އަޅުގަނޑުވެސް އެކަމަށް ނޫނެކޭ ދެންނެވީ.

ބަނޑިދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ

އަދި އެރަށުން ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އެރަށުގެ ރައްޔިތުން ޒިންމާވާން ޖެހޭނެ ކަމަށް ބުނުމުން އެކަމުގައި ރައްޔިތުން ޒިންމާވާން ނުޖެހޭނެ ކަމަށާއި، ކައުންސިލުން އައު ޖަނަރޭޓަރަކަށް އެދުމުން އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ބައު ޖަނަރޭޓަރެއް ފޮނުވުމަކީ އެކަމުގެ ހައްލުކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށް މުޙައްމަދު މޫސާ ވިދާޅުވިއެވެ.

- ކޮމެންޓް