ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 16:24
މުޙައްމަދު ބުޚާރީ 2021 ވަނަ އަހަރު އދ.ގެ ޢާންމު މަޖިލީހާ މުޚާޠަބު ކުރައްވަނީ
މުޙައްމަދު ބުޚާރީ 2021 ވަނަ އަހަރު އދ.ގެ ޢާންމު މަޖިލީހާ މުޚާޠަބު ކުރައްވަނީ
އޭޕީ
ނައިޖީރިއާ
ނައިޖީރިއާގެ ކުރީގެ ރައީސް މުޙައްމަދު ބުޚާރީި އަވަހާރަވެއްޖެ
ބުޚާރީ އަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެއް އެހެން ނަަމަވެސް ގައުމުގެ އިގްތިސާދާއި ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި މެނޭޖުކުރެވިފައި ނުވާކަމުގެ ފާޑު ކިޔުން އަމާޒުވި

ނައިޖީރިއާގެ ކުރީގެ ރައީސް މުޙައްމަދު ބުޚާރީ ލަންޑަނުގައި އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް މުޙައްމަދު ބުހާރީ އަވަހާރަވީ ދިގު މުއްދަތެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 82 އަހަރުގައެވެ.

ކުރީގެ ރައީސް ބުޚާރީ ލަންޑަނުގައި އަވަހާރަވި ކަން އިއުލާނު ކުރެއްވީ މިހާރުގެ ރައީސް ބޯލާ ޓިނުބޫގެ ސްޕޯކްސްޕަރސަން އެކްސް މެދުވެރިކޮށް އާދީއްތަ ދުވަހު ކުރެއްވި ޕޯސްޓެއްގައެވެ.

ބުޚާރީ އަކީ ނައިޖީރިއާގެ ތާރީޚުގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވާ، އިންތިޚާބެއްގައި މަގާމުގައި ހުންނެވި ރައީސަކު ބަލި ކުރެއްވި ފުރަތަމަ ފަރާތެވެ. 2015 ވަނަ އަހަރު އޭނާ ގުޑްލަކް ޖޮނަތަން ބަލިކުރެއްވީ ޤައުމުގެ އެންމެ އިތުބާރުހުރި އިންތިޚާބު ކަމަށް ފުޅާ ދާއިރާއެއްގައި ސިފަކުރެވުނު އިންތިޚާބުގައެވެ.

ރިޓަޔަރ ކުރައްވާފައިވާ މޭޖަރ ޖެނެރަލެއް ކަމަށްވާ ބުޚާރީ ފުރަތަމަ ނައިޖީރިއާ ވެރިކަން ކުރެއްވީ 1980 ގެ އަހަރުތަކުގައި އަސްކަރީ ބަޣާވާތަކުން ބާރު ހޯއްދަވައިގެންނެވެ.

ފަހުން އޭނާ އަމިއްލަފުޅަށް މަދަނީ ސިޔާސީ ލީޑަރެއްގެ ގޮތުގައި ބްރޭންޑް ކުރެއްވިއެވެ.

މަޑުމައިތިރި ސިފައެއް ގެންގުޅުއްވި ބުޚާރީ ވަނީ ކަރަޕްޝަން އާ ދެކޮޅަށް މަސައްކަތް ކުރެއްވި އަދި "ޑިމޮކްރަސީ އަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައި މަގްބޫލުކަން ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ވާހަކަފުޅު ދެއްކެވުމުގެ ތެރެއިން މަޝްހޫރުވެފައިވާ ބުޚާރީ އޭނާ އަށް ތާއީދުކުރާ ފަރާތްތަކަށް ފެނުނީ އިޞްލާޙު ގެންނަ ބޭފުޅެއްގެ ގޮތުގައެވެ.

ނަމަވެސް އޭނާގެ ވެރިކަމުގައި ގައުމުގެ ސަލަމާތީ ކަންކަން ނުރައްކާތެރި ހާލަތަކަށް ދިޔަކަން ފެނުނެވެ. ބޯކޯ ހަރާމް ބަލިކޮށް އަމާންކަން އަނބުރާ ގެންނަވާނެ ކަމަށް އޭނާ ވަޢުދުވި ނަމަވެސް، ހަތިޔާރާއެކު ހަރަކާތްތެރި ވަމުން ދިޔަ މި ގްރޫޕުން ޤައުމުގެ ބޮޑު ބައެއްގައި އެއްވެސް ހުރަހެއްނެތި ޙަރަކާތްތެރި ވަމުން ދިޔައެވެ.

ނައިޖީރިއާ ގެ ރައްޔިތުން ބުޚާރީ ހަދާން ކުރާނީ އެ ގައުމަށް ޑިމޮކްރަސީ ގެންނަވަން މަސައްކަތް ކުރެއްވި، އަދި ކަަރަޕްޝަން އާ ދެކޮޅަށް އަޑު އުފުއްލެވި ލީޑަރެއްގެ ގޮތުގައި ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ، އެހެން ނަމަވެސް އޭނާ ވަޢުދުވި ބަދަލު ފުރިހަމަ އަށް ނުގެނެވުމުގެ އިތުރުން އިގްތިސާދީ އަދި ސަލާމަތީ ގޮތުން އޭނާ އަށް އޮތީ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއްވުނު ކަމުގެ ފާޑުކިޔުންތަކާ ވެސް ކުރިމަތިވެވަޑައިގެންފައެވެ.

- ކޮމެންޓް