Advertisement
ކ. މާލެ
|
13 ޖުލައި 2025 | އާދީއްތަ 15:19
ރައީސް ޑރ މުޙައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި އިސް ދައުރެއް ވަނީ އަދާ ކުރައްވާފައި
ރައީސް ޑރ މުޙައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި އިސް ދައުރެއް ވަނީ އަދާ ކުރައްވާފައި
ގޫގުލް
އިންޑިއާ-ރާއްޖެ ގުޅުން
"އިންޑިއާ އައުޓް" "އިންޑިއާ އިން" އަށް ބަދަލުވެ، މިނިވަން ދުވަހަށް މޯދީ އަށް ދައުވަތު އަރުވައިފި
ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ވަނީ ދަޢުވަތު ދީފައި، އިންޑިއާ އިން އަދި ރަސްމީ ކޮށް ދައުވަތު ގަބޫލު ކޮށްފައެއް ނުވޭ
މިއީ ޗައިނާ އިން ޕާކިސްތާނާއި ބަންގްލަދޭޝް ބޭނުންކޮށްގެން ސަރަހައްދުގައި އިންޑިއާ އެކަހެރިކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވޭ
އިންޑިއާ އިން ގެންދަނީ ރާއްޖެ އާ ޕާކިސްތާނު ނުހިމަނާ ސާކުގެ ބަދަލުގައި އެހެން ޖަމްއިއްޔާ އިން އުފެއްދުމުގެ މަސައްކަތް ކުރަމުން

'އިންޑިއާ އައުޓް' ގެ ނަމުގައި އިންޑިއާ އާ މެދު ނަފްރަތު އުފައްދުގެ ބޮޑު ކެމްޕޭނެއް ހިންގި އިސް ފަރާތްތައް ހިމެނޭ ގޮތުން އުފެދިފައިވާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކަރުން ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތައް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ދައުވަތު އަރުވައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާ ގެ ބައެއް މީޑިއާ ތަކުން ވެސް މިނިވަން ދުވަހަށް މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބެލޭ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެހެން ނަމަވެސް ދެ ގައުމުގެ ރަސްމީ ފަރާތަކުން އަދި މިކަން ހާމަ ކޮށްފައެއް ނުވެއެވެ.

މޯދީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ވާހަކަތައް ފެންމަތިވެފައިވާ މި ދަނޑިވަޅަކީ ޗައިނާ އިން ޕާކިސްތާނާއި ބަންގްލަދޭޝް ބޭނުން ކޮށްގެން ސަރަހައްދުގައި އިންޑިއާ އެކަހެރިކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ކަން އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

މުއިއްޒުގެ ސަރުކާރުން ބޮޑު ވަޒީރު މޯދީ އަށް ފޮނުވާފައިވާ ދަޢުވަތު ނިއު ދިއްލީން ރަސްމީކޮށް ގަބޫލު ކޮށްފައިވާކަން ރަސްމީ ކޮށް އިއުލާނު ކޮށްފައި ނުވި ނަމަވެސް، އިންޑިއާ އާއި ދިވެހިރާއްޖޭގެ އޮފިޝަލުން ބޮޑުވަޒީރުގެ ދަތުރުފުޅާ ބެހޭގޮތުން މަޝްވަރާ ކުރަމުން ގެންދާ ކަމަށް އިންޑިއާގެ ބައެއް މީޑިއާ ތަކުން ބުނެފައިވެއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މާލެއަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މިއީ ޗައިނާ އިން ޕާކިސްތާނާއި ބަންގްލަދޭޝް އާއެކު ސާކްގެ ބަދަލުގައި އެހެން ޖަމާޢަތެއް އުފައްދައި އިންޑިއާ އެކަހެރި ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މޯދީ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އިރު، މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ އިންޑިއާ އާ ދެކޮޅު ކެމްޕޭނެއް ހިންގަވައިގެންކަން އިންޑިއާގެ ނޫސްތަކުން ފާހަގަ ކުރެއެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ "އިންޑިއާ ފަސްޓް" ސިޔާސަތު ދޫކޮށްލައްވައި، ޗައިނާ އާ ގުޅުން ބަދަހި ކުރައްވަން މުއިއްޒު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް 2024 ވަނަ އަހަރުގެ ފަހުކޮޅުގައި މި ސިޔާސަތަށް ބަދަލު ގެންނެވި ކަމަށް ވެސް އިންޑިއާ ގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

މޯދީގެ ދަތުރުފުޅުގައި، އިންޑިއާ ގެ އެހީގައި ދިވެހިރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫޢުތައް މުޢިއްޒު ގެ އާއެކު އިފްތިތާޙު ކުރައްވާނެ ކަމަށް ނިއު ދިއްލީގެ މަޞްދަރަކާ ހަވާލާދީ ޑެކަން ހެރަލްޑް ގައި ބުނެފައިވެއެވެ.

2024 އޮކްޓޯބަރު 7 ވަނަ ދުވަހު މުޢިއްޒު ވަނީ ނިއު ދިއްލީގައި މޯދީއާ ބައްދަލުކުރައްވައި، އަސްކަރީ ގުޅުން އިންޑިއާ އާ އެކު ދެމެހެއްޓުމަށް އެއްބަސްވެވަޑައިގެންފައި ވެއެވެ. މިއީ އޭގެ މަދު މަސްތަކެއް ކުރިން އިންސާނީ އެހީގެ މަސައްކަތްތަކަށް ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލުމަށް މުޢިއްޒުގެ ސަރުކާރުން ނިންމުމަށްފަހު އައި ބޮޑު ބަދަލެކެވެ. މި ބަދަލު އައީ ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާ އިން އެހީތެރިވާން އެއްބަސްވުމުން ކަމަށް ވެސް އިންޑިއާގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅަކަށް ވާނެއެވެ. މިއީ ޗައިނާ އިން އިންޑިއާ އެކަހެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަފްޣާނިސްތާނުގެ ތާލިބާނުންގެ ވެރިކަމާއި ޕާކިސްތާނާ ދެމެދު ގުޅުން ރަނގަޅުކުރުމަށް މެދުވެރިވެ ޗައިނާ އިން މަސައްކަތް ކުރުމާއި، ޗައިނާގެ ނުފޫޒުން ޕާކިސްތާނާއި ބަންގްލަދޭޝް އާއެކު ތިންފަރާތުގެ ބައްދަލުވުމެއް ބާއްވާފައިވާ ދަނޑިވަޅެކެވެ. މިއީ އިންޑިއާ ނުހިމެނޭ ގޮތައް ސާކް ގެ ބަދަލުގައި އެހެން ޖަމާޢަތެއް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް އޮތީ ބެލެވިފައެވެ.

އިންޑިއާ، އަފްޣާނިސްތާން، ޕާކިސްތާން، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ދިވެހިރާއްޖެއަކީ 1985 ގައި އުފެދުނު ސާކްގެ މެންބަރު ޤައުމުތަކެވެ. އެހެން ނަމަވެސް ޕާކިސްތާނާއި އިންޑިއާ ގެ ގުޅުން ގޯސްވެ، 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްލާމާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ސާކް ސަމިޓަށް ހާޒިރުވުމަށް މޯދީ އިންކާރު ކުރެއްވިއެވެ.

އެހެން ޤައުމުތަކުގެ ލީޑަރުންވެސް މި ސަމިޓަށް ހާޒިރު ނުވާން ނިންމެވުމާ ގުޅިގެން މި ސަމިޓް ކެންސަލްކުރެވުނެވެ. އޭގެފަހުން ސާކް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއާއެކު އިންޑިއާ އިން ފެށީ ބިމްސްޓެކް (ބޭ އޮފް ބެންގޯލް އިނީޝިއޭޓިވް ފޮރ މަލްޓި-ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން) ކުރިއަރުވަން މަސައްކަތް ކުރާށެވެ. މި ޖަމާޢަތުގައި ހިމެނެނީ ސާކްގެ 7 މެންބަރުންގެ ތެރެއިން 5 މެންބަރުންނެވެ. ޕާކިސްތާނާއި ދިވެހިރާއްޖެ މި ޖަމާޢަތުގައި ނުހިމެނެއެވެ.

- ކޮމެންޓް