އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލާފައިވާ މައްސަލަ އާއި ގުޅިގެން އެރަށުން މީހުން ފުރުން ފުލުހުން މަނާ ކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މަރާލާފައިވާ މީހާ އަކީ އެރަށު އޯކިޑް މާގެ އަބްދުއް ރަހުމާން 65އ. އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަބްދުއް ރަހްމާން މަރާލާފައި ވަނީ އޭނާ ނިދާފައި އޮއްވާ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އައި އިރު މީހަކު ހައްޔަރުކޮށްފަ އެއް ނުވެއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ ހުއްދަ ނެތި އެ ރަށުން މީހުން ފުރުން މަނާކޮށްފައިވާ އިރު ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓަރކުރަމުންނެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާން ނިދާފައި ވަނިކޮށް އޭނާ އަށް ބޮޑެތި ޒަހަމްތަކެއް ދިނުމާއި ގުޅިގެން އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭނާ މަރުވެފައި ވަނީ ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ފުލުހުންގެ ޓީމެއް އެ ރަށަށް ދާން ވަނީ ހަމަޖެހިފައެވެ.