ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެގޮތުން މީރާގެ ޖޫން މަހުގެ މާލީ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ މަހު އެ އިދާރާއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 10.6 މިލިއަން ރުފިޔާއެވެ. މި އަދަދު މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އަދަދާއި އަޅާ ކިޔާނަމަ އެއީ 145 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 4.3 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ޖުމްލަ 61.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވާ 50.8 މިލިއަން ރުފިޔާއަށް ވުރެ 21 ޕަސެންޓް އިތުރު އަދަދެކެވެ.
މުދަލު ޒަކާކާތް ދައްކަން ޖެހެނީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރުމުންނެވެ. މުދަލު ޒަކާތަކީ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކިދާނެ އެވެ. މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުަކީ 9264.15ރ. އެވެ.