މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގަދެ ކަނޑު ގަދަ ކަމަށެވެ. އެހެންކަމުން މޫދު ކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން ފުލުހުން ބުނީ ކަނޑު ދަތުރުތަކުގައި ފުރުމުގެ ކުރިން މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބެލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ބަލައި ކަނޑުގަދަ ވަގުތުތަކުގައި ދަތުރުތައް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި ކޮންމެހެން އެމަޖެންސީ ހާލަތްތަކުގައި ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރު މަށާއި އަދި ދަތުރުތައް ކުރާއިރުގައި ވެސް ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ރެއާއި މިއަދު ވެސް މޫސުން ގޯސްކަމަށް ލަފާކޮށްފައި ވާއިރު، ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. މިއީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.