ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފިއެވެ.
ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، ޔަމަނުގެ ބާރުތަކުން ބުނެފައިވަނީ މި އޮޕަރޭޝަންގައި ޒުލްފިޤާރު ބެލިސްޓިކް މިސައިލެއް ބޭނުންކުރި ކަމަށެވެ.
ޔަމަނުގެ މިސައިލް ހަމަލާ "ކާމިޔާބުކަމާއެކު އޭގެ މަޤްޞަދު ހާސިލުކުރި" ކަމަށާއި، މި ހަމަލާ އާ ގުޅިގެން އިސްރާއީލުން ހިސޯރުކޮށްފައިވާ ސަރަޙައްދުތަކުން 300 އަށްވުރެ ގިނަ އާބާދީތަކުގަ އާއި ސިޓީތަކުގައި އެއަރ ރެއިޑް ސައިރަންތައް އިއްވުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގެ ސަބަބުން އެތައް މިލިއަނުން ގުނާލެވޭ އަދަދެއްގެ ޒަޔަނިސްޓުން ޝެލްޓަރތަކަށް ވަނުމަށް މަޖުބޫރުވެ، ބެން ގުރިއަން ވައިގެ ބަނދަރުގެ އެއަރ ޓްރެފިކް ހުއްޓުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި މި ބަޔާނުގައި، ޔަމަނުގެ ބާރުތަކުން އެމީހުންގެ އަސްކަރީ ޤާބިލިއްޔަތްޔަތު ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށާއި، އަނިޔާ ލިބެމުންދާ ފަލަސްޠީނު ރައްޔިތުންނާ އެއްބައިވަންތަކަމުގެ ގޮތުން އެމީހުންގެ ހަނގުރާމަ ވަރުގަދަ ކުރާނެ ކަމަށް ވަޢުދުވެފައިވެއެވެ.
އޭގެ އިތުރުން، ހިސޯރު ކޮށްފައިވާ ސަރަޙައްދުތަކުގައި ހުރި ޓާގެޓް ތަކަށާއި، އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމީހުން ބުނެފައިވެއެވެ.
"ޣައްޒާ އަށް ދެމުންދާ އަނިޔާވެރިކަން ހުއްޓި، ބްލޮކޭޑް ނައްތާލެވެން ދެން މި އޮޕަރޭޝަންތައް ކުރިއަށްދާނެ" ކަމަށް އެމީހުން ބަޔާނުގައި ބާރުއަޅައި ބުނެފައިވެއެވެ.
އެހެންނަމަވެސް، އިސްރާއީލުގެ މިލިޓަރީން ބުނެފައި ވަނީ ޔަމަނުން ފޮނުވާލި މިސައިލެއް ހުއްޓުވުނު ކަމަށެވެ.
ފަހަކަށް އައިސް، ޔަމަނުގެ ބާރުތަކުން ރަތްކަނޑުގައި ދަތުރުފަތުރުކުރުން މަނާ ކޮށްފައި ވަނިކޮށް އެ އަމުރާ ޚިލާފުވެގެން އިސްރާއީލަށް ދަތުރު ކުރަމުން ދިޔަ މެޖިކް ސީސް އަދި އިޓަރނިޓީ ސީ ނަމަކަށް ކިޔާ ދެ އުޅަނދަކަށް ޔަމަނުގެ ބާރުތަކުން ހަމަލާ ދީފައިވެއެވެ.