ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައި ވާ އިރު، ކަނޑުމަތީގެ ތަފާތު 7 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ބުރާސްފަތި ދުވަހު ރިޕޯޓްކުރިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ޖުލައި 10ވަނަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން އެދުވަހުގެ ރޭގަނޑު 10:30 އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާއާއި، ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާއާއި، އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާއާއި، 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާއާއި، 4 މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާއާއި، މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާއާއި، 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ހިމެނެއެވެ.
ޑިންގީއެއްގައި ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ އަދި ފެނިފައިނުވާ އިރު، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ. ފުލުހުން ބުނީ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރު ގައްދޫ އިން ފުރައިގެން ގަމަށް ޑިންގީއެއްގައި ދަތުރުކުރި 79 އަހަރުގެ ދިވެހި ފިިރިހެނެއްގެ ހަބަރެއް ވެފައިނުވާ ކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު މިހާރު ދަނީ، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ އައުމަށް ދަަތުރުކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާ އެކު ބ.ދަރަވަންދޫއަށް ޖުލައި 10ވަނަ ދުވަހުގެ 22:23 ހާއިރު ވަދެފައެވެ. މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
މީގެ އިތުރުން ކ. ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ޖުލައި 11ވަނަ ދުވަހުގެ ދަންވަރު 12:05 ގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ. ހިންމަފުއްޓަށް ގެންގޮސްފައެވެ.
އަދި މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި އަދި ފެނިފައިނުވާ އިރު، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22:52 ހާއިރު މާލެ ގެނެސްފައެވެ. މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައެވެ.