ހުޅުމާލެ ގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ އެ ސަރަހައްދަށް އާންމުން ނުދިއުމަށް ފުލުހުން އެދިއްޖެ އެވެ.
ހުޅުމާލެ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި ރޯވެ މުޅި ސަރަހައްދަށް އޮތީ ބޯކޮށް ދުން ފެތުރިފަ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ދުން ބޯވެ ފެތުރެމުންދާތީ ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތުމުން ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށް އެދޭ ކަމަށެވެ.
އަދި އެ ސަރަހައްދުގައި އުޅޭ މީހުން މަގު ބޭނުން ކުރާއިރު ސަމާލުވުމަށް ވެސް ފުލުހުން އެދިފައިވެ އެވެ. ގެތަކުގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކު އެޅުން ފަދަ ރައްކާތެރި ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހުޅުމާލެ ފޭސް 1 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަމާލުވުމަށް އިލްތިމާސްކުރުން pic.twitter.com/KpJ0PMbQRM
— Maldives Police (@PoliceMv) July 10, 2025
އެންސިސްގެ ގުދަނުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.