ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ފުލެޓަށް ޝަރުތުހަމަވި މީހުން މާލޭގައި ނޫޅޭކަމަށް ދައްކަން ހައުސިންގ މިނިސްޓްރީން ދޮގު މައުލޫމާތު ހިމެނޭ ސިޓީތަކެއް ފޮނުވަމުންދާ ކަމަށް ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވީ ފަހި ދިރިއުޅުމުގެ ފަރާތުން ހަދާފައިވާ 4000 ފުލެޓް ހަވާލުކުރުމުގެ ތާރީހުތައް ފަހަނައަޅާ ގޮސްފި ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރީގައި އޮތް ޝަރުތަކާ އެއްގޮތަށް ފުލެޓް ދޫކުރާނެ ކަމަށް ވިދާޅުވެފައި ވެސް، އެގޮތަށް ނޫން ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ސިޓީތަކެއް ފޮނުވަމުން އަންނަ ކަމަށާއި، އެ ސިޓީތަކުގައި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ކޮންމެވެސް ސަބަބަކާއި ހުރެ މާލޭގައި ނޫޅޭކަމަށް ބުނެފައިވާ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މީހުންނަކީ އެމީހުންގެ ވަޒީފާގެ ގޮތުން އަންގާ އެންގުމަކާއި ގުޅިގެން އެހެން ތަންތަނަށް ދާންޖެހޭ މީހުން ކަމަށެވެ. މީގެ ތެރޭގައި ޑޮކްޓަރުން ފަނޑިޔާރުން، ޓީޗަރުން އަދި ނަރުހުންނާއި ސިފައިންނާއި ފުލުހުން ފަދަ ވަޒީފާތަކުގައި ތިބޭ ފަރާތްތައް ހިމެނޭ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ އެފަދަ ފަރާތްތައް ރަށްރަށަށް މަސައްކަތުގެގޮތުން ދާންޖެހުނުކަމުގައި ވިޔަސް އެމީހުންގެ އާއިލާތައް އުޅޭނީ މާލޭގައި ކަމަށާއި މިފަދަ ފަރާތްތައް މާލޭގައި ނޫޅޭކަމަށް ބުނެ ނިންމާލުމަކީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.
އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ހައުސިންގ މިނިސްޓްރީއިން ފޮނުވާ ބައެއް ސިޓީތައް. މީގެ ތެރޭގައި ޓީޗަރެއް އެބަހުރި. އެއީ ތ. އަތޮޅުގެ ކޮންމެވެސް ރަށެއްގެ ސްކޫލެއްގައި އެމީހަކު ވަޒީފާ އަދާކޮށްފައި އެބައޮތޭ 2012 އިން 2017 އާ ހިސާބަށް. ޓީޗަރެއްގެ މަގާމުގައި ތ އަތޮޅު ސްކޫލެއްގައި އުޅެފައިވާތީ މާލޭގައި 15 އަހަރު ދިރިއުޅުނުކަމަކަށް ބެލެވޭކަށް ނެތޭ. ދެން އެ ސްކޫލުން އެބައޮތޭ ޕެންޝަން ފައިސާވެސް ޖަމާކުރިކަމަސް ބުނެފައި. އެކަމަކު އެ ސިޓީ ލިބުނީމައި އޭނާއަށް ކުއްލި ހައިރާންކަމެއް ލިބުނީ. ދުވަހަކުވެސް އެރަށަށް ނުވެސްދަނީ. ދަތުރުވަރެއްގައި ވެސް ދުވަހަކު ދިޔަ ރަށެއް ނޫން.
ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން![]()
އަލީ ހުސައިން ވިދާޅުވީ ފުލެޓާއި ގުޅިގެން ސިޓީއެއް ލިބިފައި އޮތް ނަމަވެސް އެއާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން އޮންނަނީ 5 ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ފަހި ޔޫނިއަނުން މިނިސްޓްރީ އަށް ސިޓިއެއް ފޮނުވުމުން 15 ދުވަހުގެ ތެރޭގައި ވެސް ޖަވާބެއް ނުލިބޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތު މީހާ އެބަޖެހޭ 5 ދުވަހުގެ ތެރޭގައި ޖަވާބު ދޭން. އެހެންވީމާ މި ކޭސްގައި ޓީޗަރަކު ވަކި ސްކޫލެއްގައި އުޅޭކަމަށް ބުނެފައިވާ ކޭސްގައި އަޅުގަނޑުމެން ވަރަށް މަސައްކަތުން ސިޓީތައް މި ހޯދީ. ސްކޫލުން ސިޓީ ފޮނުވާއިރު ސްކޫލުން މި ބުނަނީ ނޫނެކޭ ތިޔަ ނަން ކިޔާ މީހަކު ސްކޫލުގައި މަސައްކަތް ނުކުރޭ. ޕެންޝަން އޮފީހުން މި ބުނަނީ ނޫނެކޭ ތިޔަ ނަން ކިޔާ ތިޔަ އައިޑީކާޑު ނަންބަރު އޮތް އެއްވެސް މީހަކަށް ޕެންޝަން އޮފީހުން އެމީހާއަށް ފައިސާ ޖަމާނުކޮށްދޭ. އެހެންވީމާ މިއިން އެނގޭ އެއްޗަކީ ހައުސިންގ މިނިސްޓްރީ އިން އެކަށީގެންވާ ވަރަށް ނުބަލާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޓީތައް ފޮނުވަމުން މިދަނީ.
ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން![]()
އަލީ ހުސައިން ވިދާޅުވީ ހައުސިންގ މިނިސްޓަރަކަށް ހުންނެވި ބޭފުޅަކީ ކަނޑައެޅިގެން އެނގިހުރެ އެވަރުގެ ސިޓީއެއް ނުފޮނުވާނެ ކަމަށެވެ. އަދި މި ސިޓީތައް ފޮނުވަނީ މިނިސްޓަރަށްވެސް ނޭނގި ކަމަށާއި، ދޮގު މައުލޫމާތު ހިމެނޭ ސިޓީތަކެއް މީހުންނަށް ފޮނުވަމުންދާ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ހައުސިންގ މިނިސްޓްރީން ދޮގު މައުލޫމާތު ހިމެނޭ ސިޓީތައް ފޮނުވަނީ ކޮންބައެއްތޯ ބަލާ، ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ.