އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕައުލް ހޯދުމަށް، އެމެރިކާގެ އިންޓަރ މިއާމީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އުޑިނޭސީ ދޫކޮށްލުމަށް ފަހު، ޑި ޕައުލް އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، މިއާމީ އިން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް މިއާމީ އިން ވަނީ އެތުލެޓިކޯއާ އެކު މަޝްވަރާތައް ފަށައިފަ އެވެ. އެގޮތުން އެމެރިކާގައި ކުރިއަށް ދާ ފީފާ ކުލަބު ވޯލްޑް ކަޕަށް ފަހު، މިއާމީ އިން އެ މަސައްކަތް ވަރުގަދަ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ޑި ޕައުލް ހޯދުމަށް މިއާމީ އިން ދެ ޕްލޭނެއް ގެން ގުޅެ އެވެ. އެގޮތުން އެންމެ ފުރަތަމަ ބޭނުން ވަނީ މި ސީޒަންގައި އޭނާ ގެނައުމަށެވެ. އެގޮތުން އޭނާގެ އެއްބަސްވުން އުވާލުމަށް ދައްކަން ޖެހޭ ފީ ދެއްކުމަށް ވެސް މިއާމީ އޮތީ ތައްޔާރަށް ކަމަށް ބުނެފައިވެ އެވެ. އެކަން ނުވެއްޖެ ނަމަ، ދެން މިއާމީ އިން ބޭނުން ވަނީ އަންނަ އަހަރު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ހިލޭ ޓްރާންސްފާއެެއްގެ ދަށުން އޭނާ ހޯދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މިއާމީ އިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ޑި ޕައުލްއާ ގާތް ގުޅުމެއް އޮންނަ ކުޅުންތެރިޔެކެވެ. އާޖެންޓީނާ ޤައުމީ ޓީމުގައި މި ފަހަކަށް އައިސް މި ދެ ކުޅުންތެރިންގެ ގުޅުން ފާހަގަ ކޮށްލެވެ އެވެ.
ޑި ޕައުލް ވަނީ މިހާތަނަށް އޭނާ އެތުލެޓިކޯ އަށް ކުޅެދިން 187 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެދިން 78 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ ފީފާ ކުލަބު ވޯލްްޑް ކަޕްގެ އިތުރުން، ކޮޕާ އެމެރިކާ އަދި ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.