ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 16:32
ޔަމަނުގެ ސަނާ އެއާޕޯޓަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ވައިގެ ހަމަލާތަކަށް ފަހު، އެ ސަރަަހައްދުން ދުން އަރަނީ (ފައިލް) - 2025 މެއި 6
ޔަމަނުގެ ސަނާ އެއާޕޯޓަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ވައިގެ ހަމަލާތަކަށް ފަހު، އެ ސަރަަހައްދުން ދުން އަރަނީ (ފައިލް) - 2025 މެއި 6
އޭޕީ
އިސްރާއީލް-ޔަމަން ހަމަނުޖެހުން
ޔަމަނުގެ ބަނދަރުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށް އިސްރާއީލުން ބޮން އަޅައިފި
އިސްރާއީލުން ދިން ހަމަލާ އަކީ ހޫތީންނަށް ބަދަލު ހިފަން ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ބުނާއިރު، ހޫތީން ބުނެފައިވާނީ ޣާއްޒާ އަށް ދޭ ހަމަލާތައް ހުއްޓާލުމުން ނޫނީ އިސްރާއީލަށް ހަމަލާ ދިނުން ނުހުއްޓާނެ ކަމަށް
f

އިސްރާއީލުން ޔަމަނުގެ ތިން ބަނދަރަކަށާއި ކަރަންޓު އުފައްދާ ތަނަކަށް ހަމަލާ ދީފި ކަމަށް ހޯމަ ދުވަހުގެ ފަތިހު އިސްރާއީލުގެ ސިފައިން ބުނެފިއެވެ.

މިއީ ގާތްގަނޑަކަށް ފާއިތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޔަމަނަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ ހަމަލާ ދިނީ ހޫތީން ހުއްޓުމެއް ނެތި އިސްރާއީލަށް ހަމަލާތައް ދެމުންދާތީ ކަމަށެވެ.

އިސްރާއީލުން ބޮން އެޅި ތަންތަނުގެ ތެރޭގައި ޔަމަނުގައި ހުދައިދާ، ރަސް އީސާ އަދި ސަލީފް ބަނަދަރުތަކާއި، އަދި ރަސް ޤަންތިބް ނަމަކަށް ކިޔާ ކަރަންޓު އުފައްދާ މަރުކަޒު ހިމެނެއެވެ.

އިސްރާއީލުން ހަމަލާދިން ފަހުން، ޔަމަނުން ދެ މިސައިލެއް އިސްރާއީލަށް ފޮނުވާލި ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. މި މިސައިލްތައް ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް، ހަމަލާގެ ނަތީޖާ އަދިވެސް ދިރާސާ ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އީރާން އާއި ގާތް ގުޅުމެއް އޮންނަ ހޫތީ ބާރުތަކުން ބުނެފައި ވަނީ ޔަމަނަށް ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް މިސައިލްތަކާއި ޑްރޯންތައް ފޮނުވާލި ކަމަށެވެ.

އެހެން ނަމަވެވެސް، ޔަމަނުން މިސައިލް ހަމަލާ އާ ގުޅިގެން މިސައިލު އެއްވެސް ތަނަކަށް އެރިކަމެއް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އިސްރާއީލުގެ އެމްބިއުލަންސް ޚިދުމަތާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ އިސްރާއީލުން ހަނގުރާމަ ފެށުނީއްސުރެ، ހޫތީން ވަނީ އިސްރާއީލަށާއި ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލް އާއި އެމެރިކާ އާ ގުޅުން ހުރި އުޅަނދުފަހަރަށް ހަމަލާ ދީފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރި އަށް ހުރަސްތަކެއް ކުރިމަތިވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ. ހޫތީން ބުނަމުން އަންނަނީ އިސްރާއީލް އާ ދެކޮޅަށް ހަމަލާތައް ދެނީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމުގެ ގޮތުން ކަމަށެވެ.

އިސްރާއީލުން ބުނަނީ، ހޫތީންގެ ގިނަ އަދަދެއްގެ މިސައިލްތަކާއި ޑްރޯންތައް ވަނީ ހުއްޓުވިފައި ކަމަށާއި ނުވަތަ ދަތުރު ފުރިހަމަ ނުކުރެވި ވެއްޓިފައި ކަމަށެވެ. އިސްރާއީލުން ވަނީ މިކަމަށް ޖަވާބު ދިނުމުގެ ގޮތުން އެތައް ހަމަލާތަކެއް ޔަމަނަށް ދީފައެވެ.

ހޯމަ ދުވަހު ދިން ހަމަލާތަކުގައި، 2023 ވަނަ އަހަރުގެ ފަހުކޮޅު ހޫތީން ހިފަހައްޓާފައިވާ "ގެލެކްސީ ލީޑަރ" ނަމަކަށް ކިޔާ އުޅަނދަކަށް ވެސް އަމާޒު ކުރެވުނު ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. މި އުޅަނދު ބާއްވާފައި ވަނީ ރަސް އީސާ ބަނދަރުގައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެ އުޅަނދުގައި ހޫތީން ވަނީ ރާޑާ ސިސްޓަމެއް ހަރުކޮށް، އަދި ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ޓްރެކް ކުރުމަށް އަންނަނީ ބޭނުން ކުރަމުންނެވެ.

ހޫތީންގެ ސިފައިންގެ ތަރުޖަމާނު ބުނެފައިވަނީ އިސްރާއީލުގެ ހަމަލާ އަށް އެ ބައިމީހުންގެ ވައިގެ ދިފާޢީ ބާރުތަކުން "ގިނަ އަދަދެއްގެ އެތެރޭގައި އުފައްދާފައިވާ ބިމުން-ވަޔަށް ދޫކުރާ މިސައިލް ތަކުން" ޖަވާބުދީފައިވާ ކަމަށެވެ.

އިސްރާއީލުގެ ސިފައިން ވަނީ ހަމަލާ ދިނުމުގެ ކުރިން ތިން ބަނދަރުގެ ސަރަހައްދުގައި ދިިރިއުޅޭ ރައްޔިތުންނަށް އެ ސަރަޙައްދުތައް ދޫކޮށް ދިއުމަށް އަންގާފައެވެ. ހުދައިދާގެ ރައްޔިތުން ރޮއިޓަރސްއަށް ބުނެފައި ވަނީ ކަރަންޓު އުފައްދާ ތަނަށް ދިން ހަމަލާގެ ސަބަބުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މި ހަމަލާގައި މީހުންނަށް ލިބުނު ގެއްލުމާ ބެހޭ މަޢުލޫމާތު ވަގުތުން ލިބިފައެއް ނުވެއެވެ.

އިސްރާއީލުގެ މި ހަމަލާ އައީ ހުދައިދާ ގެ ބޭރުން ދަތުރުކޮށްފައި ދިޔަ ކަނޑު ބޯޓަކަށް ހަމަލާދެވި، އުޅަނދަށް ފެން ވަންނަން ފެށުމާ ގުޅިގެން އުޅަނދުގެ ފަޅުވެރިން އުޅަނދު ދޫކޮށް ދިޔުމަށް ފަހުގައެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ އެމްބްރީ އިން ބުނެފައި މި އުޅަނދަކީ އާންމު ކޮށް ހޫތީން ހަމާލާ ދޭ ބޯޓެއްގެ ސިފަތަކަށް ފިޓުވާ ބޯޓެއް ކަމަށެވެ.

ހޫތީންނަކީ ޔަމަނުގެ އުތުރު ސަރަޙައްދާއި ވެރިރަށް ސަނާ ކޮންޓްރޯލްކުރާ ޖަމާއަތެކެވެ.

އަބްދުލް މާލިކް އަލް-ހޫތީގެ ލީޑަރޝިޕްގެ ދަށުން، މި ގްރޫޕް ވަނީ އެތައް ހާސް ހަނގުރާމަވެރިން ހިމެނޭ ގޮތުން ބޮޑު އަސްކަރީ ބާރެއް އުފައްދާފައެވެ. ހޫތީން ވަނީ ހަތިޔާރު އެޅި ޑްރޯން ތަކާއި ބެލިސްޓިކް މިސައިލްތައް ހޯދާފައެވެ. ސަޢޫދީ ޢަރަބިއްޔާ އާއި ހުޅަނގުގެ ޤައުމު ތަކުން ބުނާ ގޮތުގައި ހޫތީންނަށް ހަތިޔާރު ލިބެނީ އީރާނުންނެވެ. އެހެން ނަމަވެސް އީރާނުން އެކަން ދޮގު ކުރެއެވެ.

އާދިއްތަ ދުވަހުގެ ރޭ އިސްރާއީލުގެ ހަނގުރާމަވެރި މަތިންދާ ބޯޓު ތަކުން ޔަމަނުގެ ހުޅަނގު ފަރާތުގައިވާ ހުދައިދާ އަށް މަދުވެގެން 20 ވައިގެ ހަމަލާ ދީފައިވެއެވެ.

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ ވައިގެ ބާރުތަކުން ޔަމަނަށް އިސްރާއީލުން ދިން ހަމަލާ އާ ދެކޮޅަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"ޣައްޒާ އެކަންޏެއް ނުވާނެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް ޔަމަނު ހަނު ނޯންނޭނެ،" ޔަމަނުގެ މީޑީއާ އޮފީހުގެ ވެރިޔާގެ ނައިބު ނަސްރުއްދީން އާމިރު ނެރުއްވި ބަޔާނެއް ގައި ވެއެވެ.

އާމިރު އިތުރަށް ބުނެފައި ވަނީ "ޣައްޒާ އަށް އެހީތެރިވުމުގެ އޮޕަރޭޝަން ހުއްޓޭނީ [އިސްރާއީލުގެ ސަރުކާރުގެ] އަނިޔާވެރިކަން ހުއްޓި، އެ ތަނުގެ ބްލޮކޭޑް ނައްތާލުމުން" ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ޔަމަނަށް ދިން ހަމަލާތަކުގެ ފަހުން މަދުވެގެން އެއް ބެލިސްޓިކް މިސައިލް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ވެސްޓް ބޭންކާއި އަލް-ޤުދުސް ހިމެނޭ ގޮތަށް އެތައް ސެޓްލްމަންޓެއްގައި ވައިގެ ހަމަލާގެ ސައިރަންތައް އިއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ މައި ވައިގެ ބަނދަރު ކަމަށްވާ ބެން ގުރިއަން އެއަރޕޯޓަށް މިސައިލެއް އަރާފާނެ ކަމުގެ ބިރަށް އެ އެެއަރޕޯޓުގެ ހުރިހާ ފްލައިޓުތަކެއް މެދުކަނޑާލި ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

- ކޮމެންޓް