ދިވެހިންގެ މައި އެއާޕޯޓް (ވީއައިއޭ) އިން ބައެއް ކުއްޔަށް ދީފި ނަމަ އެމްއޭސީއެލް އަށް އިތުރުވާ އާމްދަނީ އިން 600 މިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާރމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެއީ މާލީ ގޮތުން އެމްއޭސީއެލް އަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން 2024ގެ އެމްއޭސީއެލް އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން ސަރުކާރަށް ގާތްގަނޑަށް 30 މިލިއަންގެ ބޮޑެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމްއޭސީއެލް އަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނި އެ ކުންފުންޏެއްގެ ބޮލުގައި އަޅަން ޖެހޭ ކުންފުނި ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެހެން އޮތްތަނަކާއި މެދު އަމަލުކުރަން ޖެހޭނީ އެ ކުންފުނީގެ ބޮލުގައި އިތުރު ދަރަނި ނޭޅޭ ގޮތަށް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
އެމްއޭސީއެލް އަކީ ރައްޔިތުން ކޮސްވާ ވަރުގެ އާމްދަނީ އެއް ލިބޭ ތަނެއް ކަމަށާއި ސާފު ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ކުރި އަންދާޒާތަކަށް ބަލާނަމަ، 2025 ވަނަ އަހަރު އާ ޓަރމިނަލް ހުޅުވިއްޖެ ނަމަ 2025ގެ ނިޔަލަށް އިތުރުވަނީ 2 ބިލިއަނެއްހާ ރުފިޔާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ނަމަވެސް 2027ގެ ނިޔަލަށް އެ އަދަދުތައް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ގާތްގަނޑަކަށް 8.7 ބިލިއަން ދިވެހި ރުފިޔާ އެމްއޭސީއެލް އަށް ލިބޭ އިރު، އާ ޓާމިނަލް އާއި އެކު 2027 އާއި ހަމަ އަށް 10 -11 ބިލިއަން އާއި ހަމައަށް އެތަނުގެ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އާ ޓާމިނަލް އިން ބައެއް ކުއްޔަށް ދީފި ނަމަ 15%ގެ ރޭޓްގައި ކުއްޔަށް ދިނަސް އެކަމުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެގޮތުން 600 މިލިއަނެއްހާ ރުފިޔާ ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެރިހުރެ މި ބުނަނީ 8 ބިލިއަން ރުފިޔާ އިތުރު ވާނެ 2027 އާއި ހަމައަށް 9 - 10 ބިލިއަން އާއި ހަމައަށް އިތުރުވާނޭ. 11 - 13 ބިލިއަން ލޮލުން ނާރެއް ކެނޑިގެންނޭ އަންނާނީ. މިގޮތަށް ތަނެއް ކުއްޔަށް ދީފި ނަމަ އޭގެ ތެރެއިން 600-700 މިލިއަން މަދުވެގެންދާނެއޭ. އެހެންވީމަ މިހެން އޮތް ކަމެއްގަ އެއަށް ވުރެ އިތުރުވާނެ ގޮތެއް ނުހޯދި މިހަކު ގެންނަ ޕްރޮޕޯޒަލް ޤަބޫލުކޮށްގެން ނުވާނެ. ސީދާ ބައިނައަލްއަޤުވާމީ ޓެންޑަރ އަށް ދާން ޖެހޭނެ.
މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު![]()
ޒަރިޔަންދު ވަނީ 2024 ވަނަ އަހަރު އެއާޕޯޓުން ރެކޯޑް އަދަދަކަށް ޑިވިޑެންޓް ނަގާފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެއީ ކޮވިޑް 19އިގެ ދަތި ދުވަސް ވަރު ވެސް ނުކުރާ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ފަދަ ތަނަކުން ރުފިޔާ ދަމައިގަތުން އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.