އިސްރާއީލަށް އަމާޒުކޮށް ޔަމަންގެ ހޫތީން އިން މިސައިލް ދެ ހަމަލާ ދީފައިވާ ކަމަށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ.
ހޯމަ ދުވަހުގެ ހެނދުނު އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އާދީއްތަ ދުވަހުގެ ރޭ ޔަމަންގެ ހޫތީން އިން އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމާލަތައް ދީފައި ވަނީ، އިސްރާއީލް އިން ޔަމަންގެ ތިން ބަނދަރަކާއި، ކަރަންޓް ޕްލާންޓަކަށް ހަމަލާ ދީފައި ވަނިކޮށެވެ.
އިސްރާއީލްގެ އަަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ހޫތީން އިން ފޮނުވާލި މިސައިލް ހަމަލާތައް އިންޓަސެޕްޓް ކުރުމަށް އަސްކަރިއްޔާ އިން ވަނީ މަސައަކްތަ ކޮށްފަ އެވެ. އަދި އެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރެވިފައިވޭތޯ ބަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެކަމާ ގުޅިގެެން އިސްރާއީލްގެ ކުއްލި ނުރައްކަލުގެ ޚިދުމަތުން ބުނެފައި ވަނީ، ހޫތީން އިން ދިން ހަމަލާގެ ސަބަބުން އިސްރާއީލްގެ އެއްވެސް ސަރަހައްދެއްގައި މިސައިލް ޖެހިިފައިވާކަން އަދި އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ.
އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދީފައި މި ވަނީ، އިސްރާއީލްގެ ވެރި ރަށް ތެލް އަވީވްގައި ހުންނަ އެ ޤައުމުގެ މައި އެއާޕޯޓު، ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުވާ ގޮތަށް ހޫތީން އިން އާދީއްތަ ދުވަހު ހަމަލާ ދީފައިވާ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ.
މި ހަމަލާތަކުގެ ސަބަބުން މެދު އިރުމަތީގެ ސަރަހައްދުގައި އިތުރަށް ހަމަ ނުޖެހުން އުފެދި ދާނެ ކަމުގެ ބިރު އޮތް ކަމަށް ސަލާމަތީ މާހިރުން ފާހަގަ ކުރެ އެވެ.