ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ޚިލާފުވެފައިވާ ކަމަށް ބުނެ އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކޮށްފައިވާތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މިކަމާއި ގުޅުން ހުރި ލިޔެކިޔުންތައް މި ނޫހަށް ވަނީ ލިބިފައެވެ. އެ މައްސަލްއިގައި އެ ދެ ބޭފުޅުން ވެސް ވަނީ އެ ދެބޭޅުންނާއި މެދު ފިޔަވަޅު އަޅަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ހަމައެހެންމެ އެލްޖީއޭއިން އަޅާފައިވާ ފިޔަވަޅުތައް ބާތިލްކޮށްދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ނިންމީ މިދިޔަ ޖޫން މަހުއެވެ. އެ އިދާރާ އިން ބުނިގޮތުގައި، އެ ފިޔަވަޅު އެޅީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީއެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެެވެ. އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެނޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.
އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.