ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމުގެ މަޤާމަށް، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަޙުމަދު ޠާރިޤް (ޓޮމް) ކުރިމަތިލައްވައިފި އެވެ.
އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ޓޮމް ކުރިމަތިލެއްވީ އެފްއޭއެމްގެ މެމްބަރު 23 ކުލަބުގެ ތާއީދާ އެކު އެވެ
ޓޮމްގެ ހިންގާ ކޮމެޓީގައި ސީނިއަރ ނައިބު ރައީސަކަށް ހިމަނާފައި ވަނީ ނިއު ރޭޑިއަންޓުގެ ސީނިއަރ ވައިސް ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް(ކައްޕި) އެވެ. ނައިބު ރައީސުންގެ ގޮތުގެ ހިމަނާފައި ވަނީ މާޒިޔާގެ ޙުސެއިން ޝާފިއު އަދި ނިއު ރޭޑިއަންޓްގެ ސީނިއަރ ވައިސް ޗެއަރމަން އަދި ވެމްކޯގެ މެނޭޖިން ޑައިރެކްޓަރު މުޖުތަބާ އަލީ (މުޖޭ) އެވެ.
މީގެ އިތުރުން ޓޮމްގެ ހިންގާ ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ ޤައުމީ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލު ކީޕަރު އިމްރާން މުޙައްމަދުގެ އިތުރުން، ޤައުމީ ޓީމުގެކުރީގެ ކުޅުންތެރިޔާ މުޙައްމަދު އުމައިރު، ޓީސީ ސްޕޯޓްސް ކުލަބުގެ އަޙުމަދު އައްބާސް އަދި ބީޖީގެ އަލީ ރިޒުވަން އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައި ވަނީޙައްވާ ނަސްރާ ސައީދު އަދި ޙައްވާ ރަޝީދާ އެވެ.
ޓޮމް އަކީ މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރައްވާފައިވާ ފަރާތެކެވެ.
އެގޮތުން 2016 ވަނަ އަހަރު އޭނާ ވަނީ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކޮށް ރައީސްކަމުގެމަޤާމަށް ވަޑައިގެންފަ އެވެ. ނަމަވެސް، އެންމެ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޓޮމްގެ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދެއްވުމާ އެކު، އޭނާގެމަގާމު ވަނީ ގެއްލިފަ އެވެ. އެއާ ވިދިގެން ބޭއްވި އިންތިޚާބުގައި ޓޮމް ވާދަ ކުރެއްވި ނަމަވެސް، އޭނާގެ މައްޗަށް ކުރި ހޯދީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމްއަދީލް ޖަލީލް އެވެ.
މި ފަހުން އެފްއޭއެމް އިން ބާއްވަން މަސައްކަތް ކުރި ދެ އިންތިޚާބުގައި ވެސް ވާދަ ކުރުމަށް ޓޮމް ވަނީ ފޯމު ހުށަހަޅައިފަ އެވެ. އެ ފަހަރު އޭނާއާ ދެކޮޅަށްއެހެން ކެންޑިޑޭޓުން ކުރިމަތިލީ ނަމަވެސް، މި ފަހަރު ހުރިހާ ކުލަބެއްގެ ތާއީދު ވަނީ ޓޮމް އަށް ލިބިފަ އެވެ. އެހެންކަމުން މި އިންތިޚާބުގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރައްވާނީ ޓޮމް އެކަންޏެވެ.