ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ މެނުއަލް ނޯޔާގެ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭނެ ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ އެންމެ ފަހުން ބަޔާންއާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނޯޔާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އޭނާ ހުރީ މުސްތަޤުބަލާ މެދު ވަކި ނިންމުމެއް ނިންމައިގެން ނޫނެވެ.
މި ސީޒަންގެ ނިޔަލަށް އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އެއްބަސްވުމާ ގުޅޭ ގޮތުން ނޯޔާއާ ސުވާލު ކުރުމުން އޭނާ ބުނީ އެކަމުގައި ވަގުތު ބޭނުންވާ ކަމަށެވެ. އަދި އެ ވަގުތުގެ ތެރޭގައި ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް ވެސް ނޯޔާ ބުނެފައިވެ އެވެ.
ޚާއްސަކޮށް މިވަގުތަކީ އޭނާގެ ހަށިގަނޑު ހުރި ހިސާބެއް ބަލަން ޖެހޭ ވަގުތު ކަމަށް ވެސް ނޯޔާ ފާހަގަ ކުރި އެވެ. އަދި އޭނާގެ ޞިއްޙަތު ހުރީ އެންމެ ރަނގަޅު ފެންވަރުގައިތޯ ނުވަތަ ނޫންތޯ ވެސް ބަލަން ޖެހޭ ކަމަށް ނޯޔާ ބުންޏެވެ. އެކަން ކަމަށް ބެލުމަށް ފަހު، އަދި ވެސް ކުޅުން ކުރިއަށް ގެންދިޔުމުގައި އޭނާ ދެމި ހުންނާނެ ކަމާ މެދު ވިސްނަން ޖެހޭކަން ފާހަގަކޮށް ނޯޔާ ބުނީ، އެ ހުރިހާ ކަމަކަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ.
ބަޔާންގައި ގިނަ މެޗުތަކެއް ކުޅެ، އެ ކުލަބުގެ މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި ހުރި ނޯޔާ އެ ކުލަބަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ބަޔާންގައި ހޭދަ ކުރި 15 ސީޒަންގެ ތެރޭގައި ނޯޔާ ވަނީ، 578 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ނޯޔާ އަކީ ބަޔާންގެ އެއް ނަންބަރު ގޯލު ކީޕަރަށްވާއިރު، އޭނާ ވަނީ ބަޔާންގައި އިސް ދައުރެއް ވެސް އަދާ ކޮށްފަ އެވެ.
ބަޔާންއާ އެކު ނޯޔާ ވަނީ 30 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގުގެ އިތުރުން، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ހިމެނެ އެވެ.