ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވަރޑް ޑިއޭގޯ ޖޮޓާ، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.
އުމުރުން 28 އަހަރުގެ ޖޮޓާ މަރުވެފައި ވަނީ ސްޕެއިންގައި ހިނގި އެކްސިޑެންޓެއްގައި ކަމަށް ސްކައި ނޫހުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެކްސިޑެންޓް ހިނގިއިރު، އެ ކާރުގައި ޖޮޓާ އާއެކު އޭނާގެ އުމުރުން 26 އަހަރުގެ އޭނާގެ ކޮއްކޮ އަންޑްރޭ އިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގާފައި ކަމަށް ރިޕޯޓު ކޮށްފައި ވަނީ ސްޕެއިންގެ ޒަމޯރާ ޕްރޮވިންސްގެ އޭ 52 އޭރިއާގަ އެވެ. ޖޮޓާ މަރުވެފައިވާ ކަމަށް ގިނަ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާއިރު، މީގެ ދެ ހަފުތާ ކުރިން އޭނާ ވަނީ ގިނަ އަހަރަުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރުޓޭ ކާޑޯސޯއާ ކައިވެނި ކޮށްފަ އެވެ.