ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ސިފައިންގެ ކުލަބު ބައްދަލު ކުރީ ކުލަބު އެޗްޑީސީއާ ދެކޮޅަށެވެ. އެ މެޗު ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ 26-24 އިންނެވެ. ނަމަވެސް، ދެ ވަނަ ސެޓު އެޗްޑީސީ އިން ވަނީ 23-25 އިން ކާމިޔާބު ކޮށްފަ އެވެ.
ޖެހިގެން ކުޅުނު ތިން ވަނަ ސެޓު ވެސް އެޗްޑީސީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު އެޗްޑީސީ އިން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 22-25 އިންނެވެ. ނަމަވެސް ހަތަރު ވަނަ ސެޓުގައި ސިފައިންގެ ކުލަބުން ވަނީ 25-20 އިން ކުރި ހޯދައިފަ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ސިފައިންގެ ކުލަބުން ވަނީ އެޗްޑީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި ސެޓު ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ 15-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ލުއިޒް ފިލިޕޭ ފެރެއިރާ ޕެރޯޓޯ އެވެ.
މިދިޔަ އަހަރުގެ ވީއޭއެމް ކަޕްގެ ފައިނަލްގައި ވެސް ވާދަކޮށްފައި ވަނީ ސިފައިން އަދި އެޗްޑީސީ އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ސިފައިން ބަލިކޮށް، މުބާރާތް ކާމިޔާބު ކުރީ އެޗްޑީސީ އިންނެވެ.