ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި، މައިލޯ ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޯދައިފި އެވެ.
ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން އެޗްޑީސީން ހޯދީ ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު އެޗްޑީސީން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ސިފައިންގެ ކުލަބުންނެވެ. ސެޓު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ ސިފައިންގެ ކުލަބުން ފުރަތަމަ ސެޓު ކާމިޔާބު ކުރީ 25-20ންނެވެ. ދެ ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، އެޗްޑީސީން މި ސެޓު ކާމިޔާބު ކުރީ 29-31ންނެވެ.
ދެ ވަނަ ސެޓުގައި ދެއްކި ކުޅުމާ އެކު ނިކުމެ އެޗްޑީސީން ތިން ވަނަ ސެޓު ވެސް ކާމިޔާބު ކުރި އެވެ. ސިފައިންގެ ޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް މި ސެޓުގައި ނުދެއްކުނުއިރު، އެޗްޑީސީން ސެޓު ކާމިޔާބު ކުރީ 20-25ންނެވެ. ނަމަވެސް ޖެހިގެން ކުޅުނު ތިން ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، ސިފައިންގެ ޓީމުން އެ ސެޓު ކާމިޔާބު ކުރީ 25-17ންނެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު އެޗްޑީސީން ކާމިޔާބު ކޮށްފައި ވަނީ 13-15ންނެވެ.
ވީއޭއެމް ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަން އެޗްޑީސީގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ)، ސައުދު އަޙުމަދު، އާދަމް ފައިރޫޒް އަދި ސިފައިންގެ ކުލަބުގެ ޙުސެއިން ރަޒާން، އާދަމް ނަސީމް (އެޑަމް) އަދި ޙުސެއިން ޝާހިދު (ޝާޑު) އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ފޮލިސް ޓީމުގެ ޝާމިލު މުޙައްމަދު އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް އެޗްޑީސީގެ ޒަންޓިމީރު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ޓީމުގެ ޙުސެއިން ޝަރީފު (ނަލަ ޝަރީފު) އެވެ.
މިއީ އެޗްޑީސީން ވީއޭއެމް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.