ރާއްޖެއިން ބޭރުގައި ދިރިއުލެމުންދާ ދިވެހީންނަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފައިވާ 750 ޑޮލަރުގެ ކާޑު ލިމިޓްގެ ތެރެއިން ނަގުދު ފައިސާގެ ގޮތުގައި އޭޓީއެމްއިން ނެގޭނީ 125 ޑޮލަރު ކަމަށް ކަނޑައަޅާފައިވާ ނިންމުން ބަދަލުކޮށްފިއެވެ.
އެ ބޭންކުން ޖޫން 30 ވަނަ ދުވަހު ބުނެފައި ވަނީ ބީއެމްއެލް ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެ ބަދަލާއި އެކު ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ.
އަދި ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ނެގޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، މަހަކު 125 ޑޮލަރެވެ. ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ވެސް ބީއެމްއެލުން ނަގާނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން އާއްމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިހާރު ނިންމާފައި ވަނީ ބޭރުގައި އުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެ ގޮތަށް ހަމަޖައްސާ ދިނުމަށެވެ.