ލީކުވި ފޯނު ކޯލެއް ގެ މައްސަލައިގައި ތައިލެންޑްގެ ކޮންސްޓިޓިއުޝަނަލް ކޯޓުން އެ ގައުމުގެ ބޮޑު ވަޒީރު ޕަޓޮންގްޓާން ޝިނަވަޓްރާ ސަސްޕެންޑް ކޮށްފިއެވެ.
މައްސަލަ ޖެހުނު ފޯނު ކޯލަކީ ކުރީގެ ކެމްބޯޑިއާގެ ވެރިޔާ ހުން ސެން އާއެކު ބޮޑު ވަޒީރު ކުރެއްވި ފޯނު ކޯލެކެވެ.
ތައިލެންޑްގެ ބޮޑު ވަޒީރު ސަސްޕެންޑް ކުރި އިރު، ފޯނު ކޯލުގެ މައްސަލައި ގައި އޭނާގެ އިސްތިއުފާ އަށް ގޮވާ އެތައް ހާސް ބަޔަކު ތައިލެންޑުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ލީކްވި އަޑުކޮޅުގައި ޕަޓޮންގްޓާން ހުން ސެން އަށް "ބޮޑުބޭބެ" އޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ތައިލެންޑްގެ ސިފައިންގެ ކޮމާންޑަރަކަށް ފާޑުވިދާޅުވެފައި ވެއެވެ. މި މައްސަލައިގައި އާންމުން ރުޅިގަދަވެ، އޭނާ ވަޒީފާއިން ވަކިކުރުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ޕަޓޮންގްޓާން އަކީ ކުރިން ބޮޑު ވަޒީރުކަން ކުރެއްވި ޝިނަވަޓްރާ ޢާއިލާ އިން ބޮޑު ވަޒީރުކަން ގެއްލޭ ތިންވަނަ ލީޑަރަށް ވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝިނަވަޓްރާ އާއިލާ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ތައިލޭންޑްގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒު ގަދަ އާއިލާގެ ގޮތުގައި ވަނީ ބެލެވިފައެވެ.
ފޯނު ކޯލުގެ މައްސަލަ ހޫނުވެ ބޮޑު ވަޒީރުގެ ސަރުކާރުގެ އިއްތިހާދު ވެސް ވަނީ ނާޒުކު ހާލަތެއްގައެވެ. ދެ ހަފްތާއެއްހާ ދުވަސް ކުރިން އިއްތިހާދުގައި ހިމެނޭ މުހިންމު ކޮންޒަވޭޓިވް ބައިވެރިއަކު އިއްތިހާދުން ވަކިވުމާ ގުޅިގެން އިއްތިހާދުގެ މެޖޯރިޓީ ވަނީ ހަނިވެފައެވެ.
ކޮންސްޓިޓިއުޝަނަލް ކޯޓުން ބޮޑު ވަޒީރުގެ މައްސަލަ ބަލަމުން ދާއިރު މަގާމުން ސަސްޕެންޑް ކުރުމަށް ނެގި ވޯޓުގައި ސަސްޕެންޑް ކުރަން ފެންނަ ކަމަށް 7 ވޯޓު ދިން އިރު ނުފެންނަ ކަމަށް ދީފައިވަނީ 2 ވޯޓެވެ. މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް ބޮޑު ވަޒީރަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މުއްދަތުގައި ތައިލެންޑްގެ ސަރުކާރު ހިންގަވާނީ، ގައުމުގެ ވަގުތީ ވެރިޔާގެ ގޮޮތުގައި ބޮޑު ވަޒީރުގެ ނައިބު އެވެ.
ނަމަވެސް، ޕަޓޮންގްޓާން ކެބިނެޓްގައި ސަޤާފީ ވަޒީރުގެ ގޮތުގައި އަދިވެސް ދެމިހުންނަވާނެ އެވެ. މިއީ އޭނާ ސަސްޕެންޑް ކުރުމުގެ ގަޑިއިރުތަކެއް ކުރިން ކެބިނެޓް އަލުން އެކުލަވާލުމާ ގުޅިގެން އޭނާ އަށް ލިބިވަޑައިގެންނެވި އައު މަޤާމެކެވެ.
ފޯނު ކޯލުގެ މައްސަލައިގައި އަންގާރަ ދުވަހު، ޕަޓޮންގްޓާން އަނެއްކާވެސް ވަނީ މައާފަށް އެދިވަޑައިގަނެފައެވެ. އަދި ހުން ސެންއާއެކު ކުރެއްވި ފޯނު ކޯލުގެ މަޤްޞަދަކީ "100 އިންސައްތައަށްވުރެ މައްޗަށް... ޤައުމަށްޓަކައި" ކުރެއްވި ކޯލެއް ކަމަށެވެ.
މި ފޯނު ކޯލަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ސަރަޙައްދީ ޚިލާފާ ގުޅޭ ގޮތުން ކުރެވުނު ކޯލެކެވެ. މި ޚިލާފަކީ އެތައް އަހަރަކަށް ދިގު ދެމިގެން ގޮސްފައިވާ ޚިލާފެއް ނަމަވެސް، މޭ މަހުގެ ފަހުކޮޅުފަހުކޮޅު ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވުމާ ގުޅިގެން އަލުން މައްސަލަ އިތުރަށް ވަނީ ގޯސް ވެފައެވެ.
ލީކްވި އަޑުކޮޅުން ޚާއްޞަކޮށް ކޮންޒަވޭޓިވް މެންބަރުން ރުޅި އައިސްފައި ވަނީ، އޭނާ ހުން ސެން އަށް ތާއީދުކޮށް، ތައިލެންޑްގެ ސިފައިން ދެރަކުރަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭތީއެވެ.
އަންގާރަ ދުވަހު އޭނާ އަމިއްލަ ދިފާޢުގައި ވާހަކަދައްކަމުން ވިދާޅުވީ، "އަޅުގަނޑުގެ އަމިއްލަ މަޞްލަޙަތަށް އެއްވެސް ކަމެއް ކުރުމުގެ ނިޔަތެއް ނެތް. އަޅުގަނޑު ހަމައެކަނި ވިސްނީ ހަމަނުޖެހުން ގެނައުމަށާއި، ހަނގުރާމަ ހުއްޓުވައި، ފުރާނަތައް ގެއްލުނަ ނުދިނުމަށް." ކަމަށެވެ.
"ރަނގަޅަށް އަޑުއަހައިފިނަމަ، އަޅުގަނޑުގެ ނުބައި ނިޔަތެއް ނެތްކަން ދެނެގަނެވޭނެ."
އޭނާ ވިދާޅުވީ، މިކަން އިތުރަށް ސާފުކޮށް ދެއްވަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭނާ މަގާމުން ވަކިކޮށްފި ނަމަ، ޕަޓޮންގްޓާން އަކީ އޯގަސްޓް މަހުން ފެށިގެން ޕުއާ ތައި ޕާޓީން ބޮޑުވަޒީރު ކަމުން ވަކިކުރެވޭ ދެވަނަ ބޮޑުވަޒީރު އަށް ވާނެއެވެ.
އޭނާގެ ކުރިން ހުންނެވި ބޮޑުވަޒީރު ސްރެތާ ތަވިސިން ކޮންސްޓިޓިއުޝަނަލް ކޯޓުން ވަކި ކުރީ އޭނާގެ ކެބިނެޓަށް ކުރިން ޖަލަށް ލާފައިވާ ގާނޫނީ ވަކީލަކު އައްޔަން ކުރުމާ ގުޅިގެންނެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ތައިލެންޑްގެ ވެރިކަމުން ދުރުކުރެވުނު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުން ޕަޓޮންގްޓާންބޮޑުވަޒީރުގެ ގޮތުގައި ހުވާކުރެއްވިއެވެ.
އަންގާރަ ދުވަހުގެ ނިންމުމާ ބެހޭ ގޮތުން ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ އަނެއްކާވެސް ހާމަވަނީ ސަރުކާރުތައް ވައްޓާލުމުގެ ބާރު ކޮންސްޓިޓިއުޝަނަލް ކޯޓަށް ލިބިފައިވާކަމެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ބާރު ބޭނުން ކުރެވެނީ ސިޔާސީ ވާދަވެރިންނާ ދެކޮޅަށެވެ.
މި ކޯޓުން ވަނީ 2006 އިން ފެށިގެން 34 ސިޔާސީ ޕާޓީ އުވާލާފައެވެ.
38 އަހަރުގެ ޕެޓޮންގްޓަރން އަކީ މިހާތަނަށް ތައިލެންޑުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އުމުރުން އެންމެ ހަގު ވެރިޔާއެވެ. އަދި އޭނާގެ ބޮޑުދައިތަ ޔިންގްލަކް ޝިނަވަޓްރާގެ ފަހުން ބޮޑުވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޮޑު ވަޒީރެވެ.
ޕަޓޮންގްޓާން ބައްޕާފުޅު ކުރީގެ ބޮޑު ވަޒީރު ތަކްސިން ގެންދަވަނީ މީގެ 9 އަހަރު ކުރިން ދެކުނު ކޮރެއާގެ ނޫހަކަށް ދެއްވި އިންޓަވިއު އެއް ގައި ރަސްކަމުގެ ޢިއްޒަތަށް ފުރައްސާރަ ކުރެއްވި ކަމުގެ ދަޢުވާތަކާ ކުރިމަތި ލައްވަމުން ނެވެ. އޭނާގެ ޝަރީޢަތް ފެށުނީ އަންގާރަ ދުވަހުއެވެ.