ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވަޑެފުލް ޔުކްރެއިން އަށް ވަޑައިގެންފި އެވެ.
ހޯމަ ދުވަހު ޖަރުމަނުގެ ޚާރިޖީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި، ވަޑެފުލް ވަނީ ޔުކްރެއިންގެ ވެރި ރަށް ކީވް އަށް ވަޑައިގެންފަ އެވެ. މިއީ ރަޝިޔާ އާއި ޔުކްރެރިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް އިތުރު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
ޖަރުމަނުގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވަނީ، ޔުކްރެއިން އަށް ވައިގެ ދިފާއީ ވަސީލަތްތަކާއި އެހެނިހެން ހަތިޔާރުތަކުގެ އިތުރުން، އިންސާނީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.
ރަޝިޔާ އިން ވަނީ އާދީއްތަ ދުވަހު ވެސް ޔުކްރެއިން އަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެތައް ސަތޭކަ ޑްރޯން އާއި ކްރޫޒް އަދި ބެލިސްޓިކް މިސައިލްތައް ބޭނުން ކޮށްގެން ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާ ދިނުމާާ ގުޅިގެން، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ އެމެރިކާ އާއި ޔޫރަޕުގެ އެހެން ޤައުމުތަކުގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފަ އެވެ.
އެމެރިކާ ފިޔަވައި، ޔުކްރެއިން އަށް އެންމެ ގިނަ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމަކީ ޖަރުމަނެވެ. އެމެރިކާ އިން ޔުކްރެއިން އަށް ދެމުން އައި އެހީތެރިކަމާ މެދު މި ފަހުން ސުވާލު އުފެދިފައިވާއިރު، ޖަރުމަނުން އަންނަނީ އެހެން ޤައުމުތަކުގެ އެހީތެރިކަން ޔުކްރެއިން އަށް ހޯދުމަށް ބާރު އަޅަމުންނެވެ.
މީގެ ކުރިން ވެސް ޖަރުމަނުގެ ޚާރިޖީ ވަޒީރު ވަނީ ޔުކްރެއިން އަށް ވަޑައިގެން، ޔުކްރެއިންގެ ރައީސް އަދި އެ ޤައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.