އައިޖީއެމްއެޗުގެ އިހުމާލަކުން މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރާ 8 މަހުގެ ތުއްތު ކުއްޖާގެ ހާލަތު އެ ހޮސްޕިޓަލުން ގެންދިޔައީ ބަރާބަރަށް މޮނިޓާކޮށް ޓެސްޓުތައް ހަދަމުން ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އަށް މަހުގެ ޔޫނުސް ހުސެއިން އަބްދުﷲ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުންނެވެ. އަދި އެ މައްސަލާގައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުމެއް އޮތްކަން އެނގޭ ނަމަ، އެކަންކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ މައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން މޮނިޓާކޮށް، އެވަގުތު ދެވެން އޮތް ފަރުވާދީ، ގުޅުން ހުރި ލެ އާއި އެހެނިހެން ތަހުލީލުތައްކޮށް ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ދިޔައީ ގެންނަމުން ކަމަށެވެ.
އަދި ރެކޯޑުތައް ދައްކާގޮތުން އެ ޑިޕާޓްމެންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން، ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރުން ވޯޑަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައި ވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެ ހޮސްޕިޓަލުން ބުނީ، އައިސީޔޫގައި ފަރުވާދޭން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދޭނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައިވާ ނަމަ، އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާ ކަމަށެވެ. އެ ބަޔާނުގައި އެ ސޮޕިޓަލުން ވަނީ ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތް ތަފްސީލު ކޮށްދީފައެވެ.
ތުއްތު ކުއްޖަކަށް ނުވަތަ ބޮޑުމީހަކަށް ޖެހޭ ހުމެއް ނުވަތަ އިންފެކަޝަނަކާ ގުޅިގެން ދިމާވާ ނުރައްކާތެރި ބައެއް ކަންކަމަކީ، ފުރާނައަށް ވެސް ގެއްލުންވެދާނެ ކަންކަން ކަމަށާއި، ދޭންޖެހޭ ސިއްޚީ ފަރުވާ ދުރާލައި ދެނެގަންނަން އުނދަގޫވާ ކަންކަންކަން އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެފަދަ ކޮންމެ މައްސަލައެއްގައި ވެސް ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރާ ކަމަށާއި ހިދުމަތް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ބަލާ ކަމަށް ބުންޏެވެެ.
އެހެންކަމުން އެފަދަ ކޮންމެ ހާދިސާއެއް ދިމާވުމުން، ހޮސްޕިޓަލުގެ އެތެރޭގައި ތަހުގީގެއް ކުރެވި، ޚިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަންނަ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ތުއްތު ކުއްޖާގެ މައްސަލަ ވެސް ހޮސްޕިޓަލުން އިތުރައް ބަލާކަމަށާއި، ބަލިމީހުންނާއި އާއިލާތަކުން ކުރާ ތަޖުރިބާތައް ދެނެގަނެ އެކަންކަން އިސްލާހުކުރާކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން ވަނީ ދީފައެވެ.
އަދި އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވުމުން އެކަމާ ހިތާމަކުރާކަމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާކަމަށް ވަނީ ބުނެފައެވެ.