އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.
ބެންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ޗެލްސީ އިން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ބެންފީކާ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ޗެލްސީ އިން ވަނީ ކުރި ހޯދައިފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރީސް ޖޭމްސް އެވެ. އެއީ ޗެލްސީ އަށް ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ރީސް ޖޭމްސް ޖެހި ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބެންފީކާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޗެލްސީގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްގެން، އާޖެންޓީނާގެ އެންހެން ޑި މާާރިއާ ޖެހި ލަނޑުންނެވެ.
އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ޗެލްސީ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ. އޭގެ ފަހުން ޕެޑްރޯ ނެޓޯ ވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. އަދި މެޗުގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖެހީ ކިއަމަން ޑެއުސްބްރީ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ޗެލްސީ އިން ނިކުންނާނީ ޕަލްމެރިއާސްއާ ދެކޮޅަށެވެ.