އެ މަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް ގެންނެވި ބަދަލުތަކާއި މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންނަވާފައިވާ ބަދަލުތަކާއި ހާސްބައި ތަފާތު ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޑިމޮކްރަސީ އެއް ދަމަހައްޓަން ބޭނުންވާ ނަމަ މިނިވަން ފަނޑިޔާރު ގެ އެއް އޮންނަން ޖެހޭ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންނަށް އިންސާފު ނުލިބޭ ނަމަ ރައްޔިތުން ތިބޭނީ އަޅުވެތިކަމުގައި ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ފެއްޓެވި އިރު ވެރިކަން ކުރާ ބޭފުޅާގެ މުށު ތެރެއަށް ޖުޑީޝަރީ ލާފައި އޮތުމުން، އެ ނިޒާމަށް އެއްވެސް ރައްޔިތަކު އިތުބާރު ނުކުރާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން އޭރު ވެސް ޖުޑީޝަރީ މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމާއި ބަދަލުކުރައްވާނެކަން ކެމްޕެއިންގެ ތެރޭގައި ހާމަކުރައްވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ވެރިކަން ލިބިވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކައިގެ ފުރަތަމަ ޕެރެގްރާފްގައި ވެސް އެ ވާހަކަ ތަކުރާރު ކުރައްވާފައިވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ޖުޑީޝަރީއަށް ސުޕްރީމް ކޯޓަށް ގެނައި ބަދަލަކީ ކެމްޕެއިންގައި ދެއްކި ވާހަކައެއް. ރައްޔިތުން އަޅުގަނޑަށް ދެެއްވި މެންޑޭޓެއް. ރަނގަޅު ބަދަލެއްގެ ގޮތުގައި ރައްޔިތުން ދުށީ، އަޅުގަނޑުމެން ބަދަލު ކުރި ކުރުމާއި މުއިއްޒު އެ ކުރެއްވި ކުރެއްވުން ހާސްބައި ތަފާތު.
ކުރީގެ ރައީސް ޞާލިހު![]()
އަޅުގަނޑުމެން ޖުޑީޝަރީއަށް ސުޕްރީމް ކޯޓަށް ގެނައި ބަދަލަކީ ކެމްޕެއިންގައި ދެއްކި ވާހަކައެއް.ރައްޔިތުން އަޅުގަނޑަށް ދެެއްވި މެންޑޭޓެއް. ރަނގަޅު ބަދަލެއްގެ ގޮތުގައި ރައްޔިތުން ދުށީ، އަޅުގަނޑުމެން ބަދަލު ކުރި ކުރުމާއި މުއިއްޒު އެ ކުރެއްވި ކުރެއްވުން ހާސްބައި ތަފާތު: ރައީސް ސާލިޙް pic.twitter.com/lNYB5S7nK4
— RaajjeTV (@Raajje_tv) June 26, 2025
ރައީސް ޞާލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ތިއްބަވާ ފަނޑިޔާރުންގެ އަދަދު، ކުރިން އެގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް، އުއްތަމަ ފަނޑިޔާރާއެކު ހަތް ފަނޑިޔާރުން ތިއްބަވާގޮތަށް ކަނޑައެޅުއްވިއެވެ.
އެއީ ރައްޔިތުން އެ މަނިކުފާނަށް ވޯޓުދެއްވި އިރު ހަވާލު ކުރެއްވި މެންޑޭޓެއް ކަަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޝަރުއީ ދާއިރާ އަށް ބަދަލު ނުގެންނަވާނެ ކަމުގެ ވައުދާއި އެކުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޝަރުއީ ދާއިރާއަށް އެ މަނިކުފާނު ބޭނުންފުޅުވެގެން ބަދަލު ގެންނެވުމަކީ ވަރަށް ތަފާތު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ވެރިކަމުގައި ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 3 ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފަށާ، އެ ތިން ބޭފުޅުން މަޤާމުން ސަސްޕެންޑްކޮށް ސުޕްރީމްކޯޓުގެ މަސައްކަތް ހުއްޓުވާލެއްވިއެވެ. އެ އަށް ފަހު އޭގެ ތެރެއިން އެއް ބޭފުޅަކު އިސްތިއުފާދެއްވާފައިވާ އިރު އަނެއް ދެ ބޭފުޅުން މަޤާމުން ވަކިކޮށް ޖުޑީޝަރީ އަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފައެވެ.
މި ހުރިހާ ބަދަލުތަކެއް ގެންނަވާފައި ވަނީ ސަރުކާރުގެ ކޮންޓްރޯލް ޖުޑީޝަރީގައި ބޭއްވުމަށް ކަމަށް ބައެއް ޤާނޫނީ ވަކީލުންނާއި ކުރީގެ ބައެއް ފަނޑިޔާރުން ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ މަސައްކަތް ހުއްޓުވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ދުސްތޫރީ ބަދަލު ބާތިލުކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް ހުކުމްކޮށް، އެ ބަދަލު ބާތިލުކުރާނެކަން ކަށަވަރުވާނެތީ އެކަން ހުއްޓުމުގެ ގޮތުން ކަަމަށް އެމްޑީޕީން ވެސް ވަނީ ބުނެފައެވެ.