އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި 31 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް، ޣައްޒާގެ ޞިއްހީ ވުޒާރާ އިން ހާމަ ކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ވަނީ 10 މީހަކު ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި އިންސާނީ އެހީ އަށް ބޭނުންވާ ސާމާނު ހޯދުމަށް ނިކުމެ އުޅުނު ރައްޔިތުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ރަފަހުގައި އިސްރާއީލް އިން ދިން ހަމަލާތަކުގައި އެކަކު ޝަހީދުވެފައިވާއިރު، އިތުރު ފަސް މީހަކަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޣައްޒާގެ ޞިއްހީ އިދާރާތަކާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައި ވަނީ ބުދަ ދުވަހު ވެސް ޣައްޒާ އިން 31 މީހަކު އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސްޓް ބޭންކުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާގައި އުމުރުން 66 އަހަރުގެ ޒާހިޔާ ޖުދާ އަލް އުބައިދީ ނަމަކަށް ކިޔާ މީހަކު ވެސް ވަނީ ޝަހީދު ކޮށްލައިފަ އެވެ. އޭނާ ޝަހީދުވެފައި ވަނީ އިސްރާއީލް އިން ދިން ހަމަލާގައި ބޮލަށް ވަޒަން އަރައިގެން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.
ހަމައެހެންމެ، ޖެރޫސަލަމް ކައިރީގައި އޮންނަ ހިޒްމާ ރަށުގައި އެއްވެސް އިންޒާރެއް ދިނުމެއް ނެތި، އިސްރާއީލްގެ ސިފައިން ވަނީ ބުލްޑޯޒަރު ބޭނުން ކޮެށްގެން ސަރަަހައްދުގައި ހުރި ގެއެއް ވެސް ސުންނާފަތި ކޮށްލައިފަ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި ހަމަލާތައް ބައިނަލްއަޤުވާމީ އިދާރާތަކުންނާއި، ޤައުމުތަަކުން ވެސް އަންނަނީ ކުށްވެރި ކުރަމުންނެވެ. ނަމަވެސް، އިސްރާއީލް އިން އަންނަނީ ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާ ކުރަމުންނެވެ.