ކ. މާލެ
|
25 ޖޫން 2025 | ބުދަ 11:57
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
ރާއްޖެއެމްވީ
ކައުންސިލް އިންތިޚާބު
މެންބަރު ފަލާހުގެ ރައްދު ކުރީގެ ރައީސް ނަޝީދަށް: އިންތިޚާބުގައި 80 ޕަސެންޓް ހޯދާނަން
ކައުންސިލް އިންތިޚާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވޭ
މި މުޖުތަމައުގައި ހުރި ހުރިހާ ނުބައި ކަމެއް ހައްލު ކުރަމުންދަނީ މި ސަރުކާރުން
އަންނަ އަހަރުގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރީތައް ފަށާފައިވާ ކަމަށް އީސީން ބުނޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ރައްދު ދެއްވައިފިއެވެ.

23 ޖޫން 2025 ގައި ކުރީގެ ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ޚާއްސަ ޖަލްސާގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. ނަޝީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ކައުންސިލް އިންތިޚާބުގައި ލިބިވަޑައިގަންނަވާނީ މުޅި ރާއްޖެއިން 20 ޕަސެންޓު ކަމަށެވެ. ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދަށް ރައްދުދެއްވައި ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގައި މެންބަރު ފަލާހު ވިދާޅުވީ ކައުންސިލް އިންތިޚާބު ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށާއި، 80 ޕަސެންޓް ހޯދާނެ ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ މި މުޖުތަމައުގައި ހުރި ހުރިހާ ނުބައި ކަމެއް ހައްލު ކުރަމުންދަނީ މިސަރުކާރުން ކަމަށާއި، އެކަން ރައްޔިތުން ބަލައި ގަންނާނެ ކަމަށެވެ.

ދެން އެ ވިދާޅުވީ އަޅުގަނޑުމެން ދަތުރުތައް ފަށާ ވާހަކަ އިއްޒަތްތެރި ރައީސް. ތެދެއްއެއީ. ލޯކަލް ކައުންސިލް އިންތިޚާބަށް މިފައްޓަނީ ދަތުރުތައް މިހަފްތާ އިރާދަކުރެއްވިއްޔާ. ރައީސް ނަޝީދު އެއޮތީ ހިސާބު ޖަހާފައި 20 ޕަސެންޓޭ އަޅުގަނޑުމެންނަށް ލިބޭނީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް. އޭތި ބަދަލު ކޮށްލާ ހަތަރު ގުނައަށް. 80 ޕަސެންޓް.

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

އަންނަ އަހަރުގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރީތައް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެއެވެ. އަދި އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

- ކޮމެންޓް