ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) އަށް ތާއީދު ކުރުމަށް ކުލަބު ގްރީން ސްޓްރީޓްސް އިން ނިންމައިފި އެވެ.
އެފްއޭއެމްގެ ނޯލަމައިޒިން ކޮމެޓީ އިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ހުކުރު ދުވަހު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ބޭއްްވުމުގެ މަސައްކަތެވެ. އެ ކޮންގްރެސްގައި އެފްއޭއެމްގެ އިސްލާޙު ކޮށްފައިވާ އަސާސީ ޤަވާއިދު ފާސް ކުރުމާއި، އެފްއޭއެމްގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ވެސް ކަނޑައަޅާނެ އެވެ.
އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކޮށްފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަމުން އަންނަ ޓޮމް އަކީ، އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރާނެކަން އިއުލާން ކޮށްފައިވާ ފަރާތެކެވެ. އެފްއޭއެމް އިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންތިޚާބު ބާއްވަން މަސައްކަތް ކުރިއިރު، ޓޮމް ވަނީ ކުރިމަތިލައިފަ އެވެ.
ކުލަބު ގްރީން ސްޓްރީޓްސް އިން ނެރުނު ބަޔާނެއްގައި އެ ކުލަބުން ބުނެފައި ވަނީ، ހުކުރު ދުވަހު ބާއްވާ އެފްއޭއެމްގެ ކޮންގްރެސް އަދި އޭގެ ފަހުން ބާއްވާ އެފްއޭއެމްގެ އިންތިޚާބުގައި ޓޮމް އާއި އޭނާގެ ޓީމަށް ތާއިދު ކުރުމަށް އެ ކުލަބުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކުލަބުން ބުނެފައި ވަނީ މިއީ ދިވެހި ފުޓުބޯޅަ އަށް އެއްބައިވަންތަކަމާއި، ކުރިއެރުން ގެެނެސްދޭނެ ނިންމުމެއް ކަމަށެވެ. އަދި އެންމެ އެކުގައި ކުރިއަށް ދަނީ ޚަރުދަނާ މުސްތަޤުބަލަކަށްޓަކައި ކަމަށާއި، ކުރިއަށް ދަނީ އެއް ވިސްނުމެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިއީ ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ބާއްވަން މަސައްކަތް ކުރި އިންތިޚާބުގައި ވެސް އެ ކުލަބުން ތާއީދު ކޮށްފައި ވަނީ ޓޮމްއާ ވާދަވެރި ކެންޑިޑޭޓަށެވެ. ގްރީންގެ ތާއީދު ޓޮމް އަށް ލިބުމުން، ކުރިއަށް އޮތް އިންތިޚާބުގައި ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކެއް އޮންނާނީ އޭނާގެ ފަހަތުގައި ކަމަށް ބެލެވެ އެވެ.
އެފްއޭއެމް އިން ދެން ބާއްވާ އިންތިޚާބުގައި ޓޮމްގެ އިތުރުން، ދެން ވާދަ ކުރާނެ ކެންޑިޑޭޓުން ޔަގީންވެފައި އަދި ނުވެ އެވެ.