ކ. މާލެ
|
25 ޖޫން 2025 | ބުދަ 11:05
ޗެލްސީ އަދި އެސްޕެރެންސް ކުޅުނު މެޗުގެ ތެރެއިން
ޗެލްސީ އަދި އެސްޕެރެންސް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަރސް
ފީފާ ކްލަބް ވޯލްޑް ކަޕް 2025
އެސްޕެރެންސް ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
މޮޅާއެކު ޗެލްސީ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ.

ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް ޑީގެ ފަހު މެޗުގައި އެސްޕެރެންސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި ޗެލްސީގެ ފުރަތަމަ މެޗުގައި ލޮސް އެންޖަލަސް އަތުން މޮޅުވީއިރު، ދެ ވަނަ މެޗުގައި ވަނީ ފްލަމެންގޯ އަތުން ވަނީ ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި ބުދަ ދުވަހުގެ ފަތިހު އެސްޕެރެންސްގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ދެ ލަނޑު ވެސް ޖެހީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ ޓޮސިން އަޑަރަބިޔޯއޯ އެވެ. އޭނާ އެ ލަނޑު ޖެހީ އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ދެ މިނެޓު ފަހުން ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ލިއާމް ޑެލަޕް އެވެ. އެ ލަނޑު ޖަހަން ޑެލަޕް އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފެނާންޑޭޒް އެވެ.

މެޗުގައި ޗެލްސީގެ ތިން ވަނަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޓްރިކޭ ޖޯޖް އެވެ. އެއީ ކްރިސްޓޮފާ އެންކުންކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ޗެލްސީ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގެ އެއް ވަނައިގައި ގަދަ 16 އިން ޖާގަ ހޯދީ ފްލެމެންގޯ އެވެ.

- ކޮމެންޓް