ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 12:14
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުން
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުން
ޕޮލިސް
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުން
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 17 ވަނަ ދުވަހު
ޒައިދާންގެ ބަންދަށް 15 ދުވަސް، އަފްރިންގެ ބަންދަށް 5 ދުވަސް ޖަހާފައިވޭ
ޒައިދާން، ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް މިހާރު ވެސް ދަނީ ތަހުގީގު ކުރަމުން

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ، 2025 މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ މެއި 16 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ބެލިބެލުމުން ޒައިދާން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. އަދި ފުލުހުން ބުނީ، އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން ހޯދާފައިވާކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31150 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށެވެ. މީގެއިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި، ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަދި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، އަފްރިން އަކްތަރު، ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ޒައިދާންއަކީ މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ދަނީ ކުރެވެމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް