ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޯޑިނަރީ ކޮންގްރެސް، ޖޫން 25 ވާ ހުކުރު ދުވަހު ބާއްވަން ނިންމައި އިއުލާން ކޮށްފި އެވެ.
އެފްއޭއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ހުކުރު ދުވަހު އެ އިދާރާގެ ކޮންގްރެސް އޮންނާނެ ކަމަށެވެ. މީގެ ކުރިން މިއަހަރުގެ ތެރޭގައި އެފްއޭއެމް އިން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ވެސް ބާއްވައިފަ އެވެ.
އެ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާފައި ވަނީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސް ކުރުމަށް ހުށަހެޅުމާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހެޅުމާއި، 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމާއި، 2025 އިން 2028 ވަނަ އަހަރަށް އޮޑިޓް ކުރާ އެކްސްޓާރނަލް އޮޑިޓަރުން އައްޔަން ކުރުމާއި، އިސްލާހު ކޮށްފައިވާ ހިންގާ ޤަވާއިދޫ ފާސް ކުރުމާއި، އިލެކްޓޯރަލް ކޯޑް ފާސް ކުރުމުގެ އިތުރުން، އެފްއޭއެމްގެ އައު ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމެވެ.
އެފްއޭއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ކޮންގްރެސްގައި ހުށަހެޅޭ އިސްލާޙު ކުރެވިފައިވާ ހިންގާ ޤަވާއިދަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި، ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ ލަފާގެ މަތިން، އަދި އެފްއޭއެމްގެ މެމްބަރު ކުލަބުތަކުގެ މަޝްވަރާ އާއެކު އެކުލަވާލެވިފައިވާ ޤަވާއިދު ކަމަށެވެ.
މީގެ އިތުރުން އެ ކޮންގްރެސް އާއެކު އެފްއޭއެމް ނޯމަލައިޒޭޝަންގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ފެށިގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އައު ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވައި، ނޯމަލައިޒޭޝަން ކޮމެޓީގެ ދައުރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައި ވަނީ އެއް އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު ހިންގާ ކޮމެޓީ އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ވެސް އޮތީ އަންގައިފަ އެވެ.